ރެއާލް ބަލިކޮށް ސުޕަ ކަޕް ބާސާ ނަގައިފި
ރެއާލް މެޑްރިޑް 3-2 އިން ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް ބާސެލޯނާ އިން ކާމިޔާބުކޮށްފި އެވެ.
ސައުދީ އަރަބިއްޔާގައި ރޭ ކުޅުނު ފައިނަލް މެޗުގެ 36 ވަނަ މިނެޓްގައި ރަފީނިއާ ވަނީ ބާސާއަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ވިނީޝަސް ޖޫނިއާ ރެއާލަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ މާގިނަ އިރުތަކެއް ނުވަނީސް ރޮބަޓް ލެވެންޑޯސްކީ ވަނީ ބާސާއަށް އަލުން ލީޑު ނަގައިދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ގޮންޒާލޯ ގާސިއާ ވަނީ ދެވަނަ ފަހަރަށް ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މި މެޗުގައި ބާސާއަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ 73 ވަނަ މިނެޓްގައި ރަފީނިއާ އެވެ. މެޗުގެ 90 ވަނަ މިނެޓްގައި ބާސާގެ މިޑްފީލްޑަރު ފްރެންކީ ޑިޔޮންގް އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. އޭނާއަށް ރަތްކާޑު ދެއްކީ ރެއާލްގެ ކިލިއަން އެމްބާޕޭ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ދެވަނަ ހާފްގެ އިތުރު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ރެއާލަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން ރެއާލްގެ ދެ ޑިފެންޑަރުން ކަމަށްވާ ކަރޭރާސް އާއި އެންސިއޯ ފޮނުވާލި ހަމަލާތައް ދިފާއުކުރީ ބާސާގެ ކީޕަރު ގާސިއާ އެވެ.
ސްޕެނިޝް ސުޕަ ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ބާސާ އެވެ. އެޓީމުން ވަނީ މި މުބާރާތް 16 ފަހަރު ކާމިޔާބުކޮށްފަ އެވެ.