22 މާރިޗު 2026

Advertisement

ގިރާވަރުފަޅުން ބިން ހިއްކުން އޭޕްރިލް މަހު ނިމޭނެ

21 މާރިޗު 2026

ގިރާވަރުފަޅު ބިން ހިއްކުން އަންނަ މަހު ނިމޭނެ ކަމަށާއި އެތަނުން ދޫކުރަން ނިންމާފައޮވާ ގޯތިތައް ޖޫން މަހުގެ ތެރޭގައި ހަވާލު ކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު މިއަދު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސާވޭކޮށް ނިންމައި ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ." ރައީސް ވިދާޅުވި އެވެ.

Advertisement

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އެމްއޭސީއެލުން ފެށީ މި އަހަރުގެ ޖެނުއަރީ 30 ގަ އެވެ. އެ ކުންފުނިން ހިއްކަނީ ގިރާވަރުފަޅުން ނުހިއްކައި އޮތް 97.15 ހެކްޓަރުގެ ބިމެވެ. ބިން ހިއްކަމުން އަންނަނީ މިހާރު ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރު ހިއްކަން ހަމަޖެހިފައިވެ އެވެ.

ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއްވެސް ވަނީ އެކުލަވާލައިފައެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން އެފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުނެގުން ކުރިއަށް ގެންގޮސްފައިވެ އެވެ. އެތަނުން ހަތަރު ސައިޒެއްގެ 4،072 ގޯތި ދޫކުރަން އޮތީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 1،250 އަކަފޫޓުގެ 2،605 ގޯއްޗާއި 1،650 އަކަފޫޓުގެ 1،213 ގޯއްޗާއި 2،050 އަކަފޫޓުގެ 253 ގޯތީގެ އިތުރުން 2،450 އަކަފޫޓުގެ ގޯއްޗެކެވެ.

ގިރާވަރުފަޅުން ބިންހިއްކަން ފުރަތަމަ ފެށީ މިދިޔަ ސަރުކާރުގަ އެވެ.

Advertisement

ކޮމެންޓް