ސިޓީ އެއްވަނަ އަށް ޖެހިލައިފި
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ 1-0 އިން ބަލިކޮށް، ލީގުގެ އެއްވަނަ އަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.
މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 33 މެޗުން ލިބުނު 70 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އާސެނަލަށް ވެސް ހަމަ މި އަދަދަށް ޕޮއިންޓު ލިބިފައިވާއިރު، ސިޓީއަށް ކުރި ލިބެނީ ޖެހި ގޯލުގެ އަދަދު ގިނަވުމުންނެވެ. ސިޓީން ވަނީ އާސެނަލަށް ވުރެ ތިން ގޯލު އިތުރަށް ޖަހައިފަ އެވެ.
މި މެޗުން ބަލިވުމުން ބާންލީ ރެލިގޭޓް ވެފައިވާއިރު، އެޓީމު ލީގުގެ 19 ވަނައިގައި އޮތީ 34 މެޗުން ލިބުނު 20 ޕޮއިންޓާއެކު އެވެ. ލީގުގައި އެޓީމަށް ދެން ބާކީ އޮތީ ހަތަރު މެޗެވެ.
ބާންލީގެ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އާލިން ހާލަންޑް އެވެ. މިއީ ޖެރެމީ ޑޮކޫ ދިން ޕާހަކުން ބޯޅަ ހިފައިގެން ބާންލީގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. ދެވަނަ ހާފްގެ ކުރީކޮޅު ލީޑު ފުޅާކޮށްލަން ހާލަންޑަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ބާންލީގެ އޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މީގެއިތުރުން ސިޓީގެ މާކް އޮރެއިލީ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.
ސިޓީއަށް ކުރިއަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު އެފްއޭ ކަޕްގެ ސެމީފައިނަލްގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ.