މިހާރު ޖާރިޔާއިންގެ ވާހަކަ ދައްކާނީ ޖާހިލުން: ޒައިދު
ހޯމް ސްކޫލިން ތައާރަފު ކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ބިލެއް ހުށަހެޅުމާ ގުޅިގެން އެކަމާ ދެކޮޅު ދައްކައިވައި ކުރީގެ ރައީސް އަދި އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެ ބިލަކީ އަންހެން ކުދިން ޖާރިއާންނަށް ހެދުމުގެ ހީލަތްތެރި ވިސްނުމުގައި ހުށަހެޅި ބިލެއް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ބިލުގެ އަމާޒަކީ އަންހެން ކުދިން މަދުރަސާ އަށް ނުފޮނުވައި އެ ކުދިން ޖާރިޔާއިންނަށް ހެދުމުގެ ހީލަތްތެރި ވިސްނުމެއް ކަމަށާއި އެކަމާ ދެކޮޅަށް ނުކުތުން ވަރަށް މުހިއްމު ކަމަށެވެ.
ނަޝީދުގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ޝައިހް ޒައިދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޖާރިޔާއިންނާ އަސީރުންނާއި އަޅުންގެ ވާހަކައަކީ ހަނގުރާމަ މަތީގެ ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް މިހާރު ދައްކައިގެން މުޖުތަމަޢުގައި ފިތުނަ އުފައްދަން މަސައްކަތް ކުރާނީ ޖާހިލެއް ކަމަށް ވިދާޅުވި އެވެ.
"އިސްލާމް ދީނާއި އެ ދީނުގެ ޙުކުމްތަކަށް ބައެއް މީހުން ނަފްރަތު ކުރާކަން އެއީ އެމީހުންގެ ދުލުން ޞަރީޙަކޮށް ނުބުންޏަސް އެންމެނަށް އެނގޭ ކަމެއް،" އޭނަ ވިދާޅުވި އެވެ. "ދެރައީ ބައެއް މީހުން ވިސްނުމެއް ނެތި އެފަދަ ޖާހިލުންނަށް ހެއްލޭތީވެ."
ހޯމް ސްކޫލިން ނުވަތަ ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި ތަޢުލީމު ފޯރުކޮށް ދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފް ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މި މަހުގެ 26 ގަ އެވެ.
އެ ބިލު ހުށަހެޅުއްވީ ޕީއެންސީ އަށް ނިސްބަތްވާ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ.
ނުކުޅުދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލު ނުކުރެވޭ ކުދިންނަށް އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށް ދެވިދާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ބިލުގައި އިތުރަށް ބުނެފައި ވަނީ ޖިސްމާނީ، ނަފްސާނީ އަދި އެ ނޫން ވެސް ޚާއްސަ ހާލަތެއް މެދުވެރިވެފައިވާ ނަމަ ހޯމް ސްކޫލިންގެ ދަށުން ތަޢުލީމު ދެވޭނެ ކަމަށެވެ.
އަދި މަދަރުސީ ތަޢުލީމުގެ ނިޒާމު ހިންގާ ތަންފީޒު ކުރުމުގައި ބެލެނިވެރިންނާ މުދައްރިސުންނާ ޕްރިންސިޕަލުންގެ ދަޢުރު އިތުރަށް ތަފްސީލު ކުރުމަށާއި، އެ ނޫން ވެސް ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ގެނައުމަކީ ވެސް ބިލުގެ މަގުސަދެއް ކަމަށް ބުނެފައިެވ އެވެ.