11 ނޮވެމްބަރު 2026

Advertisement

ރިސޯޓުތަކުގެ ހިސާބުތައް އޮޑިޓްކުރުމާ ގުޅިގެން މީރާއިން ޖަވާބު ދީފި

11 ނޮވެމްބަރު 2026

ރާއްޖޭގެ ރިސޯޓުތަކުގެ މާލީ ހިސާބުތައް ރަނގަޅުތޯ ބެލުމަށް އޮޑިޓް ކުރަން ޖެހޭ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީގެ (އެމްއެމްއޭ) ގަވަރުނަރު ޑރ. އަޙްމަދު މުނައްވަރު ވިދާޅުވުމާ ގުޅިގެން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ މައްސަލައަށް ޖަވާބު ދީފިއެވެ.

މީރާއިން ނެރުއްވި ބަޔާނެއްގައި އެންގެވީ، ޓެކްސް އޮޑިޓް ކުރުމަށް ފަރާތްތައް ހޮވަނީ ޚާއްޞަ ފަރާތެއް ނުވަތަ ދާއިރާއެއް އިސްކުރެވިގެން ނޫންކަމަށެވެ. އެގޮތުގެ ބަދަލުގައި، ޓެކްސް ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމުގައި ހުރި ރިސްކްތައް ބަލައި، ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑުގެ ދަށުން ހަމަހަމަ އުސޫލެއްގައި ފަރާތްތައް ހޮވާ ކަމަށެވެ.

އެ އުސޫލުގެ ދަށުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި، އެހެނިހެން ދާއިރާތަކުގެ ވިޔަފާރިތައް ވެސް އޮޑިޓް ކުރަމުން އަންނަ ކަމަށް މީރާއިން ބުންޏެވެ.

Advertisement

ޓެކްސް ދައްކާ ފަރާތްތަކުން ހިސާބުތައް ހަދަނީ ގާނޫނުތަކާ އެއްގޮތަށްތޯ ބެލުމާއި، އެ ފަރާތްތަކުން ޓެކްސް ދެއްކުމުގެ ޒިންމާ ފުރިހަމަކޮށް އަދާކުރާކަން ކަށަވަރުކުރުމަކީ މީރާއަށް ގާނޫނުން ލިބިދީފައިވާ މުހިންމު ޒިންމާއެއް ކަމަށް ބަޔާނުގައި އެންގެވިއެވެ.

އަދި މި ޒިންމާ އަދާކުރުމުގައި ވިޔަފާރިތަކުގެ ކުޑަބޮޑުމިނަކަށް ނުބަލައި، ހުރިހާ ޓެކްސް ދައްކާ ފަރާތެއްގެ މައްޗަށްވެސް ގާނޫނު ހަމަހަމަކޮށް ތަންފީޒުކުރުމަކީ އެ އޮތޯރިޓީ ޤާއިމުވި އިރުން ފެށިގެން އަމަލުކުރަމުންދާ އުސޫލެއް ކަމަށް މީރާއިން އިތުރަށް ފާހަގަކުރިއެވެ.

މީރާގެ މަސައްކަތްތައް ހިނގަމުންދަނީ ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ޕްލޭނާއި، އާންމުކޮށްފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނާ އެއްގޮތަށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޓޫރިޒަމް ދާއިރާއިން ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ލިބެމުން އަންނަކަމަށް މީރާއިން އިޢުތިރާފުކޮށްފައިވި ނަމަވެސް، ޓެކްސް ނުދައްކާ ނުވަތަ ގަސްދުގައި ޓެކްސް ދެއްކުން މަދުކުރާ ފަރާތްތަކާ މެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ބަޔާން ނެރުނީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ގަވަރުނަރު ޑރ. އަޙްމަދު މުނައްވަރު، ރިސޯޓުތަކުގެ ޓެކްސް ހިސާބުތައް ދިރާސާކުރުމުގެ ބޭނުންކަން ފާހަގަކުރެއްވުމަށް ފަހުއެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި، މީރާއިން އެމްއެމްއޭއާ ހިއްސާކުރި މަޢުލޫމާތުން ދައްކަނީ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ 50 ވަރަކަށް ރިސޯޓުން ކަމަށެވެ. އެހެންވެ، ރިސޯޓުތަކުން ފައިދާ ނުލިބެނީތޯއާއި، އެ ވިޔަފާރިތަކުގެ މާލީ ހިސާބުތައް ރަނގަޅުތޯ އޮޑިޓްކޮށް ބަލަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަން ޖެހޭ 5.9 ބިލިއަން ޑޮލަރުގެ ތެރެއިން އެ ނިޒާމަށް ވަދެމުންދަނީ 3.8 ބިލިއަން ޑޮލަރު ކަމަށް މުނައްވަރު ވިދާޅުވިއެވެ. މި ފަރަގު ކުޑަކޮށް، ބޭންކިން ނިޒާމަށް ވަންނަން ޖެހޭ ޑޮލަރު ވަންނަކަން ކަށަވަރުކުރުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުނައްވަރުގެ ޚިޔާލުގައި، ބިޒްނަސް ޕްރޮފިޓް ޓެކްސް ހޯދުމުގައި މީރާއަށް ވަރަށް ބޮޑު ޒިންމާއެއް އޮތް ކަމަށާއި، އެ ޒިންމާ އަދާކުރުމަށް އެ އޮތޯރިޓީއަށް އިތުރު ބާރުތަކެއް ދިނުމުގެ ބޭނުން ވެސް އޮތެވެ.

Advertisement

ކޮމެންޓް