11 ނޮވެމްބަރު 2026

Advertisement

ނަޖީބު ރަޒާގް ގޭބަންދަށް ބަދަލުކޮށްފި

11 ނޮވެމްބަރު 2026

ޚިޔާނާތުގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރަމުންދިޔަ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރަޒާގް، ހުކުމުގެ ބާކީ އޮތް މުއްދަތު ގޭބަންދުގައި ހޭދަކުރުމަށް ޖަލުން ގެއަށް ބަދަލުކޮށްފިއެވެ.

ނަޖީބު ގޭބަންދަށް ބަދަލުކުރީ ނޮވެންބަރު 10 ވަނަ ދުވަހު މެލޭޝިއާގެ ހައިކޯޓުން ދިން ހުއްދައަކާ އެއްގޮތަށެވެ. އެދުވަހު ރޭ ނަޖީބުގެ ކުއާލަލަމްޕޫރުގައިވާ ގެއަށް އޭނާ ގެންދެވީ ފުލުހުންގެ ޙިމާޔަތާ އެކުގައެވެ.

ނަޖީބަށް 2020 ވަނަ އަހަރު 12 އަހަރުގެ ޖަލު ހުކުމެއް ދެވުނު އިރު، އެ ހުކުމް ތަންފީޒުކުރަން ފެށީ 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި އޭނާގެ ޖަލު ހުކުމް ހަ އަހަރަށް ކުޑަކުރެވުނެވެ.

Advertisement

މިދިޔަ ސެޕްޓެމްބަރު މަހުގައި މެލޭޝިއާގެ ރަސްގެފާނު ސުލްޠާން އިބްރާހީމް ނަޖީބަށް ޚާއްޞަ ޝަރުޠުތަކެއްގެ ދަށުން އަފުވެރިކަން ދެއްވުމާ ގުޅިގެން، އޭނާއަށް ޖަލު ހުކުމުގެ ބާކީ އޮތް މުއްދަތު ގޭބަންދުގައި ހޭދަކުރުމުގެ ފުރުސަތު ލިބުނެވެ. މި ފުރުސަތު ލިބުމަށް 50 މިލިއަން ރިންގިޓުގެ ޖޫރިމަނާއެއް ދެއްކުން ޝަރުޠުކުރެވިފައިވެއެވެ.

އެ ޖޫރިމަނާ ދެއްކުމަށްފަހު ނަޖީބު ގޭބަންދަށް ބަދަލުކުރުމަށް ފުރުސަތު ލިބުނު ނަމަވެސް، ގާނޫނީ މައްސަލަތަކެއްގެ ސަބަބުން އެ އިންތިޒާމު ފަސްކުރެވުނެވެ. ފަހުން ނޮވެންބަރު 10 ވަނަ ދުވަހު ކޯޓުން އެ މައްސަލަ ހައްލުކޮށް، ނަޖީބު ގޭބަންދަށް ބަދަލުކުރުމަށް ހުއްދަދިނެވެ.

ކޯޓުގެ ނިންމުމާ އެއްގޮތަށް، ނަޖީބު މި ހުކުމުގެ ބާކީ އޮތް މުއްދަތު 2028 ވަނަ އަހަރުގެ އޯގަސްޓް 23 ވަނަ ދުވަހާ ހަމައަށް ގޭބަންދުގައި ހޭދަކުރާނެއެވެ.

ނަމަވެސް، މި ގޭބަންދުގެ އިންތިޒާމު ހިމެނެނީ އެސްއާރުސީ އިންޓަރނޭޝަނަލްގެ މައްސަލައިގައި ދެވުނު ޖަލު ހުކުމަށް އެކަންޏެވެ. ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ބަރހާޑް (1އެމްޑީބީ) އާ ގުޅޭ އެހެން މައްސަލައެއްގައި ނަޖީބަށް 15 އަހަރުގެ ޖަލު ހުކުމެއް ވެސް ދެވިފައިވެއެވެ. މި ހުކުމާ ދެކޮޅަށް އޭނާ އިސްތިއުނާ ކުރަމުންދާއިރު، އެ ހުކުމް އެއްގޮތެއްގައި ދެމިއޮތްނަމަ ގޭބަންދުގެ މުއްދަތު ނިމުމުން އޭނާ އަލުން ޖަލަށް ދާން ޖެހޭނެއެވެ.

2009 އިން 2018 އަށް މެލޭޝިއާގެ ބޮޑުވަޒީރުކަމުގައި ހުންނެވި ނަޖީބު، 1އެމްޑީބީގެ ބޮޑު މާލީ ޚިޔާނާތުގެ މައްސަލަތައް އާންމުވުމަށްފަހު 2018 ވަނަ އަހަރުގެ އިންތިޚާބުގައި ނާކާމިޔާބުވެ، ވެރިކަން ގެއްލެވި ފަރާތެކެވެ.

Advertisement

ކޮމެންޓް