ވަޒީފާގެ ފުރުސަތުތައް ތަޢާރަފުކޮށްދިނުމަށް ޚާއްޞަ ހަރަކާތެއް
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގާއި، ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އަދި މަޑިފުށި ޕްރައިވެޓް އައިލެންޑް (އެމްޕީއައި) ގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ޒުވާނުން ތަޢާރަފުކޮށްދިނުމަށް، ޚާއްޞަ ކެރިއަރ އޯޕެން ޑޭއެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
"ދަ ގޯލްޑަން ޓިކެޓް" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތް ބޭއްވުމަށް ރޭވިފައިވަނީ އަންނަ ހޮނިހިރު ދުވަހު، ހުޅުލެ އައިލެންޑް ހޮޓެލްގައެވެ. މި ހަރަކާތުގެ މަޤުޞަދަކީ ޒުވާން ޖީލަށް ވަޒީފާގެ ފުރުސަތުތައް ފުޅާކޮށްދިނުމާއި، އެކި ދާއިރާތަކުގައި ވަޒީފާއަށް ވަނުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގއިން އާންމުކުރި މަޢުލޫމާތުގެ ގޮތުގައި، މި ފުރުސަތު ހުޅުވާލެވިފައިވަނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ހަރަކާތުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓަރީ ކުރުމެއް ނުވަތަ ފޯމެއް ފުރުމެއް ބޭނުން ނުވާނެއެވެ. ބައިވެރިންނަށް ސީދާ ހަރަކާތުގައި ޙާޟިރުވެ، ވަޒީފާއަށް މީހުން ހޮވުމުގެ މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުކޮށް، ބޭނުންވާ މަޢުލޫމާތު ހޯދޭނެއެވެ.
މި ކެރިއަރ އޯޕެން ޑޭގައި ވަޒީފާގެ ފުރުސަތުތަކާ ގުޅިގެން މަޢުލޫމާތު ދެވޭ ދާއިރާތަކުގައި ފުޑް އެންޑް ބެވަރޭޖް، ކަލިނަރީ، ހައުސްކީޕިންގ، ފްރަންޓް އޮފީސް، ގެސްޓް ރިލޭޝަންސް، އިންޖިނިއަރިންގ އަދި މެއިންޓެނެންސް ހިމެނެއެވެ.
މީގެ އިތުރުން ސްޕާ އެންޑް ވެލްނެސް، ރެކްރިއޭޝަން، ވޯޓަރ ސްޕޯޓްސް، ކޭޓަރިންގ، ކޮލިޓީ އެޝުއަރެންސް، ފުޑް ސޭފްޓީ، ހިއުމަން ރިސޯސަސް، ފައިނޭންސް، ޕްރޮކިއުމަންޓް، އައިޓީ، އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ސާވިސަސް ފަދަ ދާއިރާތަކުގެ ފުރުސަތުތައްވެސް ތަޢާރަފުކޮށްދެވޭނެއެވެ.
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގއަކީ 1988 ވަނަ އަހަރު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ސެޓްސް ލިމިޓެޑް ގުޅިގެން ޤާއިމުކުރި ކުންފުންޏެކެވެ. މިއީ ރާއްޖޭގެ އިންފްލައިޓް ކޭޓަރިންގ ދާއިރާގައި ދިގު ތަޖުރިބާއެއް ހުރި ކުންފުންޏެކެވެ.