އެފްއޭ ކަޕުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
މި ސީޒަނުގެ ދިވެހި އެފްއޭ ކަޕުގައި ބައިވެރިވުމަށް ބޭނުންވާ ކުލަބުތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފުރުސަތު ހުޅުވާލައިފިއެވެ.
އެފްއޭއެމުން އާންމުކުރި މަޢުލޫމާތުގެ ގޮތުގައި، މި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކުލަބުތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ކަމަށް އެފްއޭއެމުން ފާހަގަކޮށްފައިވެއެވެ.
ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ފޯމު ފުރިހަމަކޮށް، ޑިސެމްބަރު 1 ވަނަ ދުވަހު ހަވީރު 3:00 ގެ ކުރިން [email protected] އަށް އީމެއިލްކުރުމަށް އެފްއޭއެމުން އެދިފައިވެއެވެ.
އަދި މުބާރާތުގެ އިތުރު ތަފްޞީލުތަކާއި މުބާރާތް ހިންގާނެ ގޮތާ ގުޅޭ މަޢުލޫމާތު ހިއްސާކުރާނީ، ބައިވެރިވާ ޓީމުތައް ކަށަވަރުވުމަށްފަހު ކަމަށް އެ ޖަމިއްޔާއިން އަންގައިފައިވެއެވެ.
މިދިޔަ ސީޒަނުގެ އެފްއޭ ކަޕުގައި ޖުމްލަ 8 ޓީމު ވާދަކޮށްފައިވެއެވެ. މީގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ހަތް ކުލަބާއި، ތިންވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކުލަބު ހިމެނެއެވެ.
އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުންނެވެ. ނިއުރޭޑިއަންޓުން މި ފަހަރު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށްގެންނެވެ. މިއީ އެ ކުލަބުން އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދި 13 ވަނަ ފަހަރެވެ.
ދިވެހި ފުޓުބޯޅައިގެ މުހިންމު މުބާރާތެއްކަމުގައިވާ އެފްއޭ ކަޕް ފުރަތަމަ ބޭއްވީ 1988 ވަނަ އަހަރުއެވެ. އެ ފަހަރުގެ ޗެމްޕިއަންކަން ހޯދީ ކްލަބް ވެލެންސިއާއިންނެވެ.
މި މުބާރާތް ބާއްވުމުގައި އެކި ފަހަރު މެދުކެނޑުންތައް އައިސްފައިވެއެވެ. ޚާއްޞަކޮށް 2020 ވަނަ އަހަރު ކޮވިޑް-19 ގެ ވަބާގެ ސަބަބުން މުބާރާތް ސެމީފައިނަލް މަރުޙަލާއިން ނިންމާލަން ޖެހުނެވެ.