ނިޢުމަތްތައް ދެމިއޮތުމަށް ޝުކުރުވެރިވުން މުހިންމު: ޚުޠުބާ
މާތް ﷲ ދެއްވާފައިވާ ނިޢުމަތްތައް ދެމެހެއްޓުމަށް ޝުކުރުވެރިވުން މުހިންމުކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކޮށްފިއެވެ.
ޝުކުރުވެރިވުމުގެ މުހިންމުކަމާ ބެހޭ މި ޚުޠުބާގައި، ﷲގެ ނިޢުމަތްތަކުގެ އަގު ވަޒަންކޮށް، އެ ނިޢުމަތްތައް އެކަލާނގެ ރުހުން ލިބޭ ގޮތަށް ބޭނުންހިފުމަކީ މަތިވެރި އަޅުކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި ނަބީންގެ ޙަޔާތްޕުޅުތަކުން ޝުކުރުވެރިކަމުގެ ޢިބުރަތްތެރި ނަމޫނާތައް ގެނެސްދީ، ﷲއަށް ޝުކުރުކުރުމާއެކު މީސްތަކުން ކޮށްދޭ ހެޔޮކަންކަމުގެ އަގު ވެސް ވަޒަންކުރުމަށް ގޮވާލައިފައިވެއެވެ. ޚާއްޞަކޮށް މައިންބަފައިންނަށް ޝުކުރުއަދާކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.
ޚުޠުބާގެ ނިމުމުގައި، ތިމާއަށް ލިބިފައިވާ ނިޢުމަތްތައް ދެނެގަނެ، އިސްރާފާއި ބޮޑާވުމުން ދުރުހެލިވެ، ހިތާއި ދުލާއި ޢަމަލުން ﷲއަށް ދާއިމީކޮށް ޝުކުރުވެރިވުމަށް ނަޞޭޙަތްދީފައިވެއެވެ.