ރާއްޖޭގެ ސްކައުޓް ހަރަކާތައް 68 އަހަރު
މީގެ 68 އަހަރުކުރިން ރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށީ 1956 ވަނަ އަހަރުގައި މަޖީދިއްޔާ ސްކޫލްގައެވެ. އޭރު މި ޙަރަކާތް ފާހަގަކުރެވިފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްޞަ ޙަރަކާތެއްގެ ގޮތުގައެވެ.
މީގެ ކުރިން ހަމައެކަނި ސެކަންޑަރީން ފެށިގެން ހަޔަރ ސެކަންޑަރީއާ ހަމައަށް ސްކައުޓުން ޙަރަކާތްތެރިވި ނަމަވެސް ސްކޫލް ކުދިންގެ މެދުގައި އިތުރު ޙަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ އެންމެ މަޤުބޫލު ޙަރަކާތަކަށް މި ޙަރަކާތްވެ، ޕްރީ ކަބް ސްކައުޓުން ފެށިގެން އެޑަލްޓް ލީޑަރސް އާ ހަމައަށް ސްކައުޓުންގެ ޙަރަކާތް ރާއްޖޭގައިވެސް މިހާރު ވަނީ ފުޅާކޮށްފައެވެ.
ތ. ގުރައިދޫ، ޅ. ނައިފަރު، ހއ. ހޯރަފުށި، މިރަށްތަކަކީ އަތޮޅުތަކުގެ ސްކޫލްތަކުގެ ތެރެއިން ފުރަތަމަ ސްކައުޓް ޙަރަކާތް ފެށި ރަށްރަށެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން ހއ. ދިއްދު އާއި ގދ. ތިނަދޫގައިވެސް މި ހަރަކާތް ފެށިއެވެ. ފަހަރަކު ރަށަކަށް މި ޙަރަކާތް ފުޅާވަމުން ފުޅާވަމުން އައިސް، މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޙަރަކާތް އަންނަނީ ހިންގަމުންނެވެ. ރާއްޖޭގައި މިވަގުތު 20،000 އަށްވުރެ ގިނަ ސްކައުޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ސްކައުޓުންނަކީ މުޖުތަމަޢުތެރޭގައި ހުންނަ ގިނަ ކަންކަމުގައި އެހީތެރިވުމުގެ ނަމޫނާ ޒަމާނުއްސުރެ ދައްކަމުން އަންނަ ޖަމާޢަތަކެވެ. އަޚުލާގީ މިންގަނޑު ހިފަހައްޓާ ޤައުމަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ގިނަ ޤުރުބާނީތަކެއް ވާންޖެހުނުނަމަވެސް ކުރީ ސަފުގައި ތިބޭ އެއްބަޔަކަށް ސްކައުޓުންވެއެވެ. އެގޮތުން ތާރީޚުގެ ތެރެއިން ސުނާމީ ކާރިސާއާއި ކޯވިޑްގެ ހާލަތުގެ އިތުރުން ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ ބޮޑު ޙަރަކާތްތަކާއި އިޖުތިމާޢީ އަދި ދީނީ ޙަރަކާތްތަކުގައިވެސް ސްކައުޓުންދަނީ ބައިވެރިވެ ހަރަކާތްތެރިވަމުންނެވެ. އެ ކަނަކަމުގައި ސްކައުޓުންދަނީ ނަމޫނާ ހިތްވަރެއް ދައްކަމުންނެވެ.
ބައިނަލްއަޤުވާމީ ސްކައުޓް ޖަމިއްޔާ ވޯލްޑް އޯރގަނައިޒޭޝަން އޮފް ދަ ސްކައުޓްގެ މެމްބަރަކަށް ރާއްޖެ ވެފައިވަނީ 1990 ވަނަ އަހަރުގައެވެ.
މީގެ އިތުރުން ރާއްޖެއިން ދަނީ ސްކައުޓް ދާއިރާއިން ދުނިޔޭގެ ފެންވަރުގައިވެސް ތަފާތު ކުރިއެރުންތަކާއި އެވޯޑްތައް ޙާސިލްކުރަމުންނެވެ. އެގޮތުން ދާދިފަހުން ސްކައުޓް ޙަރަކާތުގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޗެއަރމަން ދެއްވާ އެވޯޑް ރާއްޖޭގެ ސްކައުޓް ޖަމިއްޔާގެ ޗީފް ކޮމިޝަނަރ މަޢީދު މުޙައްމަދު ޒާހިރަށް ވަނީ ލިބިލައްވާފައެވެ.