ސަލާ ގެ ކޮންޓްރެކެޓް އާކޮށްފި
ލިވަޕޫލް އަށް ކުޅޭ މިސްރުގެ ފޯވަޑް މުހައްމަދު ސަލާ އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމަށް ދެ އަހަރު އިތުރުކޮށްފި އެވެ.
އުމުރުން 32 އަހަރު ސަލާ ލިވަޕޫލް އާއިއެކު އިތުރު ދެ އަހަރުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރިއިރު އޭނާ ވަނީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ލިވަޕޫލް އަށް 32 ލަނޑު ޖަހައިދީފަ އެވެ.
2017 ވަނަ އަހަރުގެ އިޓަލީގެ ރޯމާއިން ލިވަޕޫލް އާއި ގުޅުނު ސަލާ ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 393 މެޗުގައި އެ ޓީމަށް 243 ލަނޑު ޖަހައިދީ 109 ލަނޑު ޖަހަން މަގު ތަނަވަސްކޮށްދީފަ އެވެ.
ލިވަޕޫލް އާއިއެކު އައު އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު ސަލާ ބުނެފައިވަނީ ލިވަޕޫލްގައި މަޑު ކުރުމަށް އިތުރު އެއްބަސްވުމެއްގައި ސޮއި ކުރެވުމުން އެކަމާ އުފާ ކުރާ ކަމަށެވެ.
ލިވަޕޫލް އިން ސަލާ އާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފައިވާއިރު ޑިފެންޑަރ ވެންޑައިކްގެ އެއްބަސްވުންވެސް އައު ކުރުމުގެ މަސައްކަތް ދެ ފަރާތުން ކުރިއަށް ގެންދާކަމަށް ވެންޑައިކް ވަނީ ބުނެފަ އެވެ.
ނަމަވެސް ޑިފެންޑަރ އެލެކްޒެންޑަރ އާނޯލްޑްގެ އެއްބަސްވުމާއިމެދު ލިވަޕޫލް އިންވެސް އަދި ކުޅުންތެރިޔާގެ ފަރާތުންވެސް ކޮމެންޓެއް ލިބިފައެއް ނުވެއެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިއަށް އޮތް ސީޒަނުގައި އާނޯލްޑް ފެނިގެންދާނީ ސްޕެއިންގެ ރެއާލް މެޑްރިޑްއިންނެވެ.