ޕީއެސްޖީ ބަލިކޮށް ޗެލްސީން ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފި
ފީފާ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ޗެލްސީން ހޯދައިފިއެވެ. ޗެލްސީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޔޫރަޕްގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މެޗު ފަށައިގެން 22 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިންގްލެންޑުގެ ކޯލް ޕާމާ އެވެ. އެއީ މަލޯ ގުސްޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
އޭގެ އަށް މިނެޓު ފަހުން ޕާމާ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ޗެލްސީގެ ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ޕާމާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލެވީ ކޮލްވިލް އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ޗެލްސީގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ޔާއޯ ޕެޑްރޯ އެވެ. އެއީ ޕާމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
މިއީ 32 ޓީމު ވާދަ ކުރާ ގޮތަށް ކުލަބު ވޯލްޑް ކަޕްގެ ފޯމެޓު ބަދަލު ކުރުމަށް ފަހު ބޭއްވި ފުރަތަމަ މުބާރާތެވެ. މުބާރާތުގެ ފައިނަލް މެޗަށް ފަހު ޗެލްސީ އަށް މުބާރާތުގެ ޗެމްޕިއަން ތަށި ހަވާލު ކޮށްދެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.
ޗެލްސީ އިން ޕީއެސްޖީގެ މައްޗަށް ކުރި ހޯދާފައިވާއިރު، ޕީއެސްޖީ އަކީ ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.