މިދިޔަ ހަ އަހަރު ޕީއެސްއެމުން އެންމެ ކަރަންޓު ބިލަކަށް ވެސް ފައިސާ ނުދައްކާ: ސްޓެލްކޯ
ދައުލަތުގެ މީޑިއާ ޕީއެސްއެމުން 100 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ކަރަންޓްގެ ބިލްގެ ގޮތުގައި ފައިސާ ދައްކަން ޖެހޭ ކަމަށް ސްޓެލްކޯ އިން އިއްޔެ ބުނެފި އެވެ.
މިދިޔަ ހަ އަހަރު ޕީއެސްއެމުން އެންމެ ކަރަންޓު ބިލަކަށް ވެސް ފައިސާ ނުދައްކާ ކަމަށާއި އެމުއްދަތައް ޕީއެސްއެމުން ކަރަންޓު ބިލްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު 120 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވާނެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއަށް ހަވާލާދީ މިހާރު އިން ރިޕޯޓްކޮށްފައިވެއެވެ.
"ހަމަ ޔަގީނުން ވެސް 100 މިލިއަނަށް ވުރެ ދަށެއް ނުވާނެ. ޔަގީނުން ވެސް 120 މިލިއަނަށް ވުރެ މަތި. އަޅުގަނޑުމެން އެ ފައިސާ ހޯދައިގެން ވިޔަފާރި ކުރިިއްޔާ ކީއްތޯ ވަނީ،" ކަންބޮޑުވުމާ އެކު، ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯ އިން އެއްވެސް ތަނެއްގެ ކަރަންޓު ކަނޑާލަން ބޭނުން ނުވާ ކަމަށާއި ސަބަބަކީ އެ ކުންފުނިން ބޭނުންވަނީ ބަހާލައިގެން ވެސް އެ ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށް ފަހުމީ ވިދާޅުވިކަމަށް މިހާރުއިން ރިޕޯޓްކޮށްފައިވެއެވެ.
"ބޭނުން ވަނީ އެ މީހުން އަޅުގަނޑުމެންގެ މޭޒުދޮށަށް ގެނެސްގެން އެ މީހުން ލައްވައި ބައިބަޔަށް ބަހާލައިގެން ވިޔަސް އެ ފައިސާ ދައްކުވަން. ކަރަންޓު ކަނޑާލުމަކީ ހައްލެއް ނޫން. ފައިސާ ނުލިބި ހުރި ތަންތަނުން ފައިސާ ހޯދޭނެ މެކޭނިޒަމެއް، ފުރުސަތެއް ދޭން ބޭނުންވަނީ،" ފަހުމީ ވިދާޅުވި އެވެ.
ޕީއެސްއެމުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ވަރަށް ގިނަ ކަމަށް ޒީނާ ޒާހިރު ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައިސް ބުނެފައެވެ. ޒީނާ ވިދާޅުވީ އެ ފައިސާ އެކި ފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޕީއެސްއެމުން މޭ 2018 އިން ފެށިގެން ކަރަންޓު ބިލް ދައްކާފައި ނުވާއިރު، އެކި ފަރާތްތަކުން ކަރަންޓް ބިލްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު ބައި ބިލިއަން ރުފިޔާ އަށް ވުރެއް ގިނައިން އަރާފައިވާކަމަށް ސްޓެލްކޯގެ އެމްޑީ ވަނީ ވިދާޅުވެފައެވެ.