17 ސެޕްޓެމްބަރު 2026

Advertisement

ޔާމީންގެ ޝަރީއަތްތައް މި މަހު ފަހުކޮޅު

17 ސެޕްޓެމްބަރު 2026

ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުވާ އުފުލައިގެން ކޯޓު މަރުހަލާގައި އޮތް ދެ މައްސަލައިގެ ވެސް އަޑުއެހުމެއް، މި މަހު ފަހުކޮޅު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްގެން ކޯޓު މަރުހަލާގައި މި ވަގުތު އޮތް ދެ މައްސަލައަކީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލަ އާއި، ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ބުނާ މައްސަލަ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ދެ މައްސަލައިގެ ތެރެއިން ފުއްގިރި މައްސަލައިގެ އަޑުއެހުން މި މަހުގެ 23 ވާ ބުދަ ދުވަހަށް ތާވަލުކޮށްފައި ވާއިރު، އާރަށް މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހަށެވެ.

Advertisement

މީގެ ތެރެއިން ވ. އާރަށުގެ މައްސަލަ ކްރިމިނަލް ކޯޓުގައި މަޑުޖެހިފައި އޮތީ، އެ މައްސަލަ އެ ކޯޓުން އަލުން ބަލާއިރު އޭގެ ކުރިން ބަލައިގަތް ދައުލަތުގެ އާ ހެކިތަކެއް ބަލައިނުގަތުމަށް ހައި ކޯޓުން ކުރި ހުކުމުގެ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެންނެވެ. ނަމަވެސް، ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ވަނީ ހައި ކޯޓުން އެންގި ގޮތަށް އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހުކުމްކޮށްފަ އެވެ.

އަދި ރ. ފުއްގިރި މައްސަލައިގެ ޝަރީއަތް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު އަޑުއެހުންތަކެއް ބޭއްވުމަށް ފަހު، މިހާތަނަށް އޮތީ ތާވަލުނުކުރެވި އެވެ.

Advertisement

ކޮމެންޓް