މިދިޔަ ސަރުކާރުންނެގި ލޯނު ދައްކާ ހަލާސްކޮށްފި
މިދިޔަ ސަރުކާރުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އަށް ޓީބިލު ވިއްކައިގެން ނެގި 150 މިލިއަންް ޑޮލަރުގެ ދަރަނި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައްކައި ހަލާސްކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީގެ ސަރުކާރުން 2019 ގައި ނެގި އެ ފެސިލިޓީ ދައްކާފައި ވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި ސަރުކާރުން، 2024 ގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު، އަދި މި އަހަރުގެ މެއި މަހުގެ 11 ގައި އިތުރު 50 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ.
ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކަން ޖެހޭ މުއްދަތަށް މިއަދު ދެއްކުމާއެކު، މި ފެސިލިޓީގެ ދަށުން ނެގި މުޅި ދަރަނި މިހާރު ވަނީ އެއްކޮށް ދައްކައި ނިމިފައެވެ.
ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ސަރުކާރުން ރައްޔިތުންނަށް އަރުވާކަމަށް ވެސް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.