އަސްކަރިއްޔާއާ ދެކޮޅުވެރިވުމަކީ މޮޔަ ކަމެއް: އިމްރާން ޚާން
ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާއާ ދެކޮޅުވެރިވެ, ގާތް ގުޅުމެއް ނުބޭއްވުމަކީ ވަރަށް މޮޔަ ކަމެއްގެ ގޮތުގައި އެ ޤައުމުގެ ކުރީގެ ބޮޑުވަަޒީރު އިމްރާން ޚާން ސިފަ ކުރައްވައިފިއެވެ. އަސްކަރިއްޔާއާ ދެކޮޅުވެރިވުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ވިދާޅުވެ ޚާން ވާހަކަ ދައްކަވާފައިވީ ނަމަވެސް, އޭނާގެ ސަރުކާރު ވައްޓައިލުމާއި, އޭނާއާ ދެކޮޅަށް ސާބިތު ކޮށްފައިވާ ދަޢުވާތަކުގެ އަޑީގައި އޮތީ އަސްކަރިއްޔާ ކަމަށް ޚާން ވަނީ ކުރިން ތުހުމަތު ކުރައްވާފައެވެ.
ޚިޔާނާތާއި ދަޢުލަތުގެ ސިއްރުތައް ހާމަ ކުރުމުގެ ދަޢުވާ ސާބިތުކޮށް ޚާން ޖަލަށް ލާފައި ވަނީ ހުސްވި އަހަރުގެ އޮގަސްޓު މަހުގެ 5ވަނަ ދުވަހުއެވެ. އެ ކަމަށް އިޝާރާތް ކުރައްވައި ނޫސްވެރިންނަށް ލިޔުމުން ޖަވާބު ދެއްވަމުން ޚާން ވިދާޅުވީ 2022ވަނަ އަހަރު އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކުރުމުގައި އެމެރިކާގެ އަތެއް އޮތް ކަމަށް ތުހުމަތު ކުރެއްވި ނަމަވެސް, އެމެރިކާގެ ސަރުކާރާ މެދު އެއްވެސް ހިތްބަރު ކަމެއް ނެތް ކަމުގައެވެ.
"ޖުޣުރާފިޔާގައި ޕާކިސްތާން އޮތް ސަރަޙައްދަށް ބަލައި, ޕްރައިވެޓް ސެކްޓަރގައި އަސްކަރިއްޔާއިން އަދާ ކުރަމުންދާ ދައުރަށް ބަލާއިރު, އަސްކަރިއްޔާއާ މެދު ގާތް ގުޅުމެއް ނުބޭއްވުމަކީ ވަރަށް މޮޔަ ކަމެއް. [ޕާކިސްތާނުގެ] އަސްކަރިއްޔާއާއި ހަތިޔާރު އެޅި ފައުޖުތަކާ މެދު އަޅުގަނޑުމެން ފަޚުރުވެރިވޭ،" ޚާން ވިދާޅުވިއެވެ.
އޭނާގެ ސަރުކާރު ވައްޓައިލުމުގެ ތުހުމަތު އަސްކަރިއްޔާގެ މުވައްސަސާގެ ކޮނޑުގައި އަޅުވާފައި ނުވާނެ ކަމަށާއި, އެ ކަމުގެ އަޑީގައި ތިބީ މަދު ޢަދަދެއްގެ ޖެނެރަލުންތަކެއް ކަމުގައި ވެސް ޚާން ވިދާޅުވިއެވެ. "އަސްކަރިއްޔާގެ އިސް މަޤާމުތަކުގައި ތިބި މަދު ބަޔެއްގެ އަމަލުތަކުގެ ތުހުމަތު މުޅި މުވައްސަސާގައި އެޅުވުމަކީ ބުއްދިވެރި ކަމެއް ނޫން،" ޚާން ވިދާޅުވިއެވެ.
އަސްކަރިއްޔާއަށް ތަޢުރީފު ކުރައްވައި ޚާން ވާހަކަފުޅު ދައްކަވާފައި މި ވަނީ, އަސްކަރިއްޔާގެ އިސްވެރިންނާ މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަން ޚާން ހާމަ ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ވިދާޅުވީ, ހާމަކަން ބޮޑު އަދި އިންސާފުވެރި އިންތިޚާބެއް ބާއްވައި, އޭނާއާ ދެކޮޅަށް އުފުލާފައިވާ ސިޔާސީ ދަޢުވާތައް ބާޠިލު ކުރަން އެއްބަސްވެއްޖެ ނަމަ, އަސްކަރިއްޔާއާ އެކު މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމުގައެވެ.
ނަމަވެސް, އަސްކަރިއްޔާއާ އެކު މަޝްވަރާ ކުރަން ބޭނުންވާ ކަންކަމުގެ ތަފުސީލު ޚާން ހާމަ ކުރައްވާފައެއް ނުވެއެވެ. އަދި, ޚާންގެ ހުށަހެޅުމަށް ސަރުކާރާއި އަސްކަރިއްޔާއިން ވަކި ޖަވާބެއް ދީފައެއް ވެސް ނުވެއެވެ. ޚާންގެ ވެރިކަން ވައްޓައިލުގެ ފަހަތުގައި އެމެރިކާގެ ސަރުކާރުގެ އަތެއް އޮތް ކަމަށް އޭނާ ކުރައްވާ ތުހުމަތުތައް އެމެރިކާ ސަރުކާރުން ވަނީ ދޮގު ކޮށްފައެވެ.
240 މީހުންގެ އާބާދީއެއް އޮތް ޕާކިސްތާނުގެ ސިޔާސީ މަސްރަޙު ބައްޓަންވެފައި އޮތް ގޮތުން, އެ ޤައުމުގެ އަސްކަރިއްޔާއިން ދަނީ ސަރުކާރަށް ބާރާއި ނުފޫޒު ފޯރުވަމުންނެވެ. މީގެ 76 އަހަރު ކުރިން ޕާކިސްތާނަށް މިނިވަން ކަން ލިބުނު ފަހުން, އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ފާއިތުވިވެފައި ވަނީ އަސްކަރީ ވެރިކަމެއްގެ ދަށުގައެވެ.
ޕާކިސްތާނުގައި ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ އެއްވެސް ބޭފުޅަކަށް އެ މަޤާމުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެއެވެ. އަދި, އެ މަޤާމު ފުރުއްވާފައިވާ ގިނަ ބޭފުޅުންނަށް ވަނީ ޖަލު ހުކުމްތައް އިއްވާފައެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން މިނިވަން ކޮށްފައި ވަނީ އަސްކަރިއްޔާއާ އެކު އެއްބަސްވުންތަކެއް ހެދުމުން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް, އަސްކަރިއްޔާއިން މި ތުހުމަތު ދޮގު ކުރެއެވެ.
ވެރިކަމުން ދުރުކޮށް, އޭނާގެ މައްޗަށް ސިޔާސީ ދަޢުވާތަކެއް އުފުލާފައި ވަނީ އަސްކަރިއްޔާގެ ބާރާއި ނުފޫޒުން ކަމަށް ޚާން ކުރައްވާ ތުހުމަތުތައް ވެސް އަސްކަރިއްޔާއިން ދޮގު ކުރެއެވެ. ނަމަވެސް, އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލުންނާ އެކު މަޝްވަރާތައް ބާއްވައިގެން ލިބޭނެ އެއްވެސް ދެރައެއް ނެތް ކަމުގައި ޚާން ވިދާޅުވިއެވެ. އޭނާ ބޭނުންފުޅު ވަނީ ޖަލު ބަންދުން މިނިވަންވެ, ސިޔާސީ މައިދާނުގައި މަސްއޫލުވުމުގެ ފުރުޞަތު އަލުން ހޯއްދެވުމަށެވެ.
ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެރިކަން ހޯއްދަވާފައި ވަނީ މަކަރާއި އޮޅުވައިލުމުގެ ތެރެއިން ކަމަށް ވެސް ޚާން ތުހުމަތު ކުރައްވައެވެ. އަދި, ޝަރީފްގެ ސަރުކާރު ބަލައިނުގަންނަ ކަން ހާމަކުރައްވައި ޚާން ވަނީ ސަރުކާރާ އެކު އެއްވެސް މަޝްވަރާއެއް ބާއްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފައެވެ. "ޙަޤީޤީ ބާރު އޮތް މީހުންނާ [އަސްކަރިއްޔާގެ އިސް ޖެނެރަލުންނާ] މަޝްވަރާ ކުރުން މާ ފައިދާހުރި ކަމަކަށް ވާނެ،" ޚާން ވިދާޅުވިއެވެ.