ޙިޖުރައިން 10 ވަނަ ޤަރުނުގެ ތެރޭގައި އަލް މަދީނަތުލް މުނައްވަރާގައި އަބޫ ޤުދާމާ އައްޝާމީގެ ނަމުން މަޝްހޫރުވެފައިވާ ތަޤުވާވެރި ބޭކަލަކު އުޅުއްވިއެވެ. ﷲގެ މަގުގައި އެކަލޭގެފާނު ކުޅަ ޖިހާދުގެ އެތައް އެތައް ހަނގުރާމަތަކާއި ދަތުރުތަކުގެ ސަބަބުން، އެކަލޭގެފާނުގެ މަޤާމު މަދީނާގެ އަހުލުވެރިންގެ މެދުގައި މަތިވެރިވެގެންވެއެވެ. ރޯމަނުންގެ ބިންތަކާއި ވާދީތަކުގައި އެކަލޭގެފާނު ކުޅަ ދަގަ ހިތްވަރާއި ޖިހާދުގެ މަތިވެރިކަމަށްޓަކައެވެ. އެއްދުވަހަކު މަސްޖިދުއްނަބަވީގައި އެކަލޭގެފާނު އިންނަވަނިކޮށް، މަދީނާގެ ޒުވާން ބޭކަލުންކޮޅެއް އެކަލޭގެފާނުގެ އަރިހުން، އެކަލޭގެފާނުގެ ޖިހާދުގެ ރަން ޒަމާނުގައި ކަންކަމާއި މެދު ސުވާލުކުރަން ފަށައިފިއެވެ. 'އޭ އަބޫ ޤުދާމާއެވެ! ކަލޭގެފާނުގެ ޖިހާދުގެ ހަޔާތްޕުޅުގައި ކުރިމަތިލާން ޖެހުނު އެންމެ ހައިރާންކުރުވަނިވި ކަމަކީ ކޮބައިތޯއެވެ؟' މި ސުވާލާއެކު، އެކަލޭގެފާނު ހިތްޕުޅުގައި އެތައް ޒަމާނަށް ވަޅުލެވިފައިވާ މުހިންމު ހާދިޘާއެއްގެ މަތިން ހަނދުމަފުޅު ވެއްޖެއެވެ. މިއީ މިފަދަ ޒުވާން ބޭކަލުންކޮޅަކަށް ޢިބުރަތުން ފުރިގެންވާ ހާދިޘާއެއްކަމުން، އެކަލޭގެފާނު މި ޒުވާން ބޭކަލުންގެ ޖަމާޢަތަށް މި ވާހަކަ ކިޔައިދެއްވަން ފައްޓަވައިފިއެވެ.
އެއީ އިސްލާމުދީނުގެ ޢަދުއްވުން، އިރާޤުގެ އައްރާޤާއެވެ ކިޔުނު ރަށަށް ހަމަލާދީ، އެރަށުގައި ވަޙުޝީ ޤަތުލުޢާންމެއް ހިންގަމުން ގެންދިޔަ ދުވަސްވަރެވެ. އެބައިމީހުން އެރަށަށް ވަދެގަނެ، މުސްލިމު އުޚްތުންގެ ޢިއްފަތް ފޭރެނީއެވެ. އަޅުންގެ ގޮތުގައި ކުޑަކުދިންތައް ވަގަށްނަގާ، ރަށުގެ ކަމުވޮށީންނާއި މުސްކުޅީން ޝަޙީދުކުރަނީއެވެ. އެންމެ ސަބަބަކަށްޓަކައެވެ. ތިމަންމެންގެ ވެރި އިލާހަކީ ﷲއޭ ބުނީތީއެވެ. އަބޫ ޤުދާމާއަކީ ޢިލްމުވެރިކަމުގައިވެސް އެފަދަ ދެވަނައެއް ނުވާ ބޭކަލަކުކަމުން، ރައްޤާގައި ހިންގެމުންދާ ޤަތުލު އާންމުގެ ޚަބަރުވެގެން ދިޔައީ އެކަލޭގެފާނުގެ ހިތްޕުޅު ޒަޚަމްކުރުވި ހިތި ޚަބަރެއްގެ ކަމުގައެވެ. މިއާއެކު ޖިހާދުގެ ނަޢުރާގެ އަޑުން މުޅި އުންމަތް ގުގުމަން ފަށައިފިއެވެ. އަބޫ ޤުދާމާގެ ޤިޔާދަތުގެ ދަށުގައި މުސްލިމުންގެ ހިތްވަރުގަދަ ޖަމާޢަތެއްގެ ބޭކަލުން، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރައްވަމުން ގެންދަވަނީއެވެ. ދުޝްމަނުންގެ ސަފުތައް ފޫއަޅުވާލެވޭނޭ ވަރުގަދަ ލަޝްކަރެއް ބިނާކުރެއްވުމުގެ މާތް އެދުންފުޅުގައެވެ. އިސްލާމީ އެކިއެކި ކަންކޮޅުތަކުން، މިޖަމާޢަތާއި މީސްތަކުން ގުޅެމުންދެއެވެ. މި ލަޝްކަރު އޭރު ދަތުރުކުރަމުން ދަނީ ދުޝްމަނުންގެ ލަޝްކަރުތައް ބަނޑަހަ ޖަހައިގެންތިބި ސަރަހައްދާއި ދިމާއަށެވެ. މި ދަތުރުގެ އެންމެ ފަހުގެ މަންޒިލަކަށްވީ ތަރުސޫސްއެވެ ކިޔުނު ކުޑަ ކުޑަ ރަށެކެވެ. މިއީ ދުޝްމަނުންގެ ލަޝްކަރާއި މުސްލިމުންނާއި ދެމެދުގައިވާ ހަމައެކަނި ހުރަހެވެ. އޭރު ހަނގުރާމަ ހިނގަމުން ދަނީ ދުޝްމަނުންގެ ލަޝްކަރާއި މި ރަށުގެ ދިފާޢުގައި ނިކުތް ހިތްވަރުގަދަ ލަޝްކަރާއި ދެމެދުގައެވެ.
މި ރަށުގައި، އެދުވަސްވަރަށް ބަލާއިރު ބިނާކުރެވިފައިވަނީ ޖާގައިގެގޮތުން ކުޑަ މިސްކިތެކެވެ. އަބޫ ޤުދާމާގެ ލަޝްކަރު މިރަށުގެ ރަށްބޭރުގައި ފޭލިގެ ޖެހުމާއެކު، އެކަލޭގެފާނު އެރަށުގެ އަހުލުންގެ ތެރެއަށް ވަޑައިގަތެވެ. އެކަލޭގެފާނަށް އެރަށަށް ވަޑައިގެންނެވުނީ މަޢުރިބުން ފަސްވެ، ޢިޝާ ނަމާދުގެ ވަގުތުގައިކަމުން، އެރަށުގައި ވާ މިދެންނެވުނު ކުޑަ މިސްކިތަށް ވަޑައިގެން ޢިޝާ ނަމާދު އެރަށުގެ އަހުލުވެރިންނާއެކު ކުރައްވައިފިއެވެ. އިޝާނަމާދުގެ ޖަމާޢަތަށްފަހު، އެރަށުގެ އަހުލުވެރިންނާއި މުޚާތަބުކޮށް އެކަލޭގެފާނު ވިދާޅުވިއެވެ. 'އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ބިރުވެތިވާށެވެ. އަހުރެމެން ކުރާން އައިސް މިތިބަ ހަނގުރާމައިގާ ބައިވެރިވެ ދޭށެވެ. އެހީތެރިކަން ދެވޭނެމަގަކުން އެހީތެރިކަން ދޭށެވެ. އިސްލާމްދީނަށް ޢިއްޒަތްދޭށެވެ.' އެކަލޭގެފާނުގެ މި ކުރު ޚުތުބާއާއެކު މިސްކިތުގެ އެކިއެކި ދިމަދިމާއިން މީސްތަކުން އެކަލޭގެފާނުގެ ގޮވާލެއްވުމަށް އިޖާބަ ދިނެވެ. މިއީ ޢަދަދުގެ ގޮތުން އެހާ ބޮޑު ޢަދަދެއްގެ ޖަމާޢަތެއް ނޫންކަމުގައިވީނަމަވެސް، އެކަލޭގެފާނަށް މިވަރުން ފުދެއެވެ. އެކަލޭގެފާނު ރަށުތެރޭގެ ހާލަތު ބައްލަވާލައްވާ ނިންމަވާލެއްވިއިރު، ދަންވެފައި ހުރުމުން، ފަތިހު ލަޝްކަރުގެ ތެރެއަށް ރުޖޫޢަވުމުގެ ގަސްތުގައި، އެރަށުން ކުލީ ކޮޓަރިއެއް ނެންގެވިއެވެ. އެކަލޭގެފާނަށް ކޮޓަރީގައި ހަމައަށް އިށީނދެވަޑައިނުގެން އުޅުއްވަނިކޮށް ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭ އަޑު އިވިލައްވައިފިއެވެ. އެކަލޭގެފާނުގެ ހިތްޕުޅަށް އެރިއެވެ. 'މިދަންވަރުގައި އަންނާނީ ކާކު ހެއްޔެވެ؟ އަހުރެންނަކީ މިރަށަށް ބީރައްޓިއްސެކެވެ. މިރަށުގެ މީހަކަށް އަހުރެންނެއް ނޭނގޭނެކަން ޔަޤީނެވެ.' މި ޚިޔާލުފުޅުގައި ހުންނަވައިގެން ކޮޓަރީގެ ދޮރު ހުޅުވާލައްވައިފިއެވެ.
އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހުއްޓިއެހުރީ ފުރިހަމައަށް ނިވާވެގެންހުރި އުޚްތެކެވެ. އޭނާ އެކަލޭގެނަށް ނިސްބަތްކޮށް ސުވާލުކުޅައެވެ. 'އަބޫ ޤުދާމާއަކީ ތިޔައީ ހެއްޔެވެ؟ ތިޔައީ މިއަދު ޖިހާދަށް ގޮވާލި ޞާހިބާ ހެއްޔެވެ؟'. އެކަލޭގެފާނު އެކަމަށް އެއްބަސްވެލެއްވުމުގެ ގޮތުން އާދޭހޭ ދަންނަވާލުމާއެކު، އެކަމަނާ އެކަލޭގެފާނަށް ބުންޏެވެ. 'ތިމަންކަމަނާގެ ފަރާތުން މި އަމާނާތް ޤަބޫލުފުޅު ކުރައްވާށެވެ. ތިޔައީ އަހުރެންގެ ބޮލުގެ އިސްތަށިކޮޅަކުން ހަދާފައިވާ އެއްޗެކެވެ. ކަލޭގެފާނުގެ އަސް ކިޔަމަންކުރެއްވުމުގައި މި ލަގަނުގެ ގޮތުގައި ނުވަތަ އެއިން ބައެއްގެގޮތުގައި މ އިސްތަށިކޮޅު ބޭނުންކުރައްވާށެވެ. މިއީ ތިމަންކަމަނާއަށް ޖިހާދުގެ މާތްކަމާއި ޘަވާބުލިބިގަތުމުގައި ކުޅަދާނަވެގެންވާ މިންވަރެވެ. ﷲގެ މަގުގައި ހޭދަކުރުމަށް ތިމަންގެ އަތުގައި މި އިސްތަށިކޮޅު ފިޔަވާ އިތުރު އެއްޗެއްނުވެއެވެ. އެހެންކަމުން ތިމަން ކަމަނާގެ ކިބައިން މި އަމާނާތް ޤަބޫލުފުޅުކުރައްވާށެވެ.'
އެކަމަނާ އިތުރަށް ބުންޏެވެ. 'އޭ އަބޫ ޤުދާމައެވެ! އަހުރެންނީ ހުވަފަތް އަންހެނަކީމެވެ. އަހުރެންގެ ފިރިކަލުން ޝަހީދުވީ ކަލޭގެފާނުން ތިޔަ ކުރައްވާފަދަ ހަނގުރާމަތަކުގެ ތެރެއިން ހަނގުރާމައެއްގައެވެ. އަހުރެންގެ 15 އަހަރަށްދާ ފިރިހެން ދަރިއަކުވެއެވެ. އޭނާގެ ޒުވާންކަން ފުރިހަމަވެފައިވެއެވެ. އޭނާ ވަނީ ކީރިތި ޤުރުއާން ހިތުދަސް ހާފިޛުންގެ ތެރެއިންނެވެ. އެއީ ކަނޑި ހަނގުރާމައާއި ތީރުވެރިކަމަށް އެކަށޭނެ ކުއްޖެކެވެ. އެއީ ރޭއަޅުކަން ކުރުން ގިނަ، ދުވާލުގައި ﷲއަށްޓަކައި ރޯދަ ހިފާއުޅޭ ޞާލިޙް ފިރިހެން ދަރިއެކެވެ. އޭނާ މިވަގުތު ރަށަކު ނެތެވެ. އެހެންނަމަވެސް ކަލޭގެފާނުގެ ލަޝްކަރު ހަނގުރާމައަށް ހެލިގަތުމުގެ ކުރިން، އޭނާ އެނބުރި އައިސްދާނެއެވެ. އޭނާ އެނބުރި އައިސްފިނަމަ، އަހުރެން އޭނާ ކަލޭގެފާނުގެ އަރިހުގައި ޖިހާދުކުރުމަށް ފޮނުވާނަމެވެ. ﷲއަށް ކުރާ ވެދުމެއްގެ ގޮތުގައެވެ. ﷲގެ ޙައްޤުގައި ބުނަމެވެ. އަހުރެންނަށް މިކަމުގައިވާ ޘަވާބުން އަހުރެން މަޙްރޫމު ނުކުރާށެވެ.' މިހެން ބުނުމާއެކު އެކަމަނާ އެތަނުން ހިނގައްޖެއެވެ. އަބޫ ޤުދާމާއަށް މި ހިނގާދިޔަ ކަންތަކުގެ އަޖައިބަން އިޙުސާސްކުރެއްވި، އެކަމަނާ އެދުމާ އެއްގޮތަށް، އެކަލޭގެފާނުގެ އަހުގެ ލަގަނުގައި އެ އިސްތަށިކޮޅު އައްސާ ވަރުގަދަކޮށްފިއެވެ.
ފަތިހުގެ ހެޔޮ ވަގުތުގައި އަބޫ ޤުދާމާ ވަޑައިގެން އެކަލޭގެފާނުގެ ލަޝްކަރު ހަނގުރާމައަށް ސަމާލުކޮށްފިއެވެ. ވަކި ތަރުތީބެއްގެ މަތީން ހަނގުރާމައިގެ ސަފުތައް ރުކުރުވާލައި، ﷲ އަކްބަރުގެ ނަޢުރާއިން މުޅި ޖައްވު ގުގުމާލާއިފިއެވެ. އެއީ ކާފަރުންގެ ލަޝްކަރުގެ ޖަމާޢަތެއްގެ މީހުން، އަބޫ ޤުދާމާގެ ލަޝްކަރާއި ދިމާއަށް ހެލިގަތް ވަގުތައްވާތީއެވެ. އެކަލޭގެފާނު އިސްލާމީ މުޅި ލަޝްކަރަށް ޚުތުބާދެއްވާ، ހިތްވަރާއެކު ސާބިތުވެ ތިއްބެވުމަށް ވަޞިއްޔަތްކުރެއްވިއެވެ. މި ޚުތުބާ ނިންމަވާލެއްވި ވަގުތަކީ ދުރުން އަންނަ ހަޅޭކުގެ އަޑެއް އެކަލޭގެފާނުގެ ކަންފަތްޕުޅުގައި ޖެހުނު ވަގުތެވެ. ހަލުވިކަމާއެކު އަސްމަތީގައި ދަތުރުކުރަމުން، އެމީހަކު ގޮވަމުން އާދެއެވެ. 'އޭ އަބޫ ޤުދާމާއެވެ! އަހުރެން ތިޔަ ލަޝްކަރުގައި ބައިވެރިކޮށްދޭށެވެ!' މިގޮތުގައި އޭނާ އައިސް އަބޫ ޤުދާމާގެ ލަޝްކަރާއަރާ ހަމަކޮށް، އެކަލޭގެފާނު ހުންނެވި ހިސާބަށް އަތުވެއްޖެއެވެ.
މޫނު ނިވާކޮށްގެންހުރި އެ މީހާ މާނޭވާ ލަމުން އޭނާ އަސްމަތިން ފޭބުމަށްފަހު އަބޫ ޤުދާމާއަށް ނިސްބަތްކޮށް ބުންޏެވެ. 'ٱلْحَمْدُ لِلَّٰهِ އެވެ. ކަލޭގެފާނާއި ހިސާބަށް އާދެވުނުކަމުގެ މައްޗަށް އަހުރެން ހަމްދުކުރަމެވެ. އޭ އަބޫ ޤުދާމާއެވެ! އަހުރެން ކަލޭގެފާނުގެ ލަޝްކަރުގައި ބައިވެރިކޮށް، ޖިހާދުގެ މާތްކަން ލިބުނަދޭށެވެ'. އޭނާ މިފަދައިން ބުނުމާއެކު، އޭނާގެ އަޑުގައިވާ ޒުވާންކަމާއި ޅަގޮތްގަނޑު އަބޫ ޤުދާމާއަށް ވިސްނިވަޑައިގެން، އޭނާއަށް ނިސްބަތްކޮށް ވިދާޅުވިއެވެ. 'ތިބާގެ މޫނުމަތީގައި ވާ ފޮތިގަނޑު ނަގާށެވެ. ތިބާއީ ހަނގުރާމައަށް އަރަފޯދިގެންވާ، ތަކުލީފުލިބިގެންވާ ޒުވާނަކުކަމުގައި ވަނީނަމަ، މި ލަޝްކަރުގައި ބައިވެރިކުރާނަމެވެ. އެހެން ނޫންނަމަ، ތިބާގެ އަހުލުންގެ ގާތަށް ރައްދުކުރާނަމެވެ.' އެކަލޭގެފާނުގެ މި ބަސްފުޅު އަޑު އިވިލެއްވުމާއެކު، ޒުވާނާ އޭނާގެ މޫނުމަތީގެ ފޮތިގަނޑުނަގައިފިއެވެ. އަބޫ ޤުދާމާ ވިދާޅުވިއެވެ. ސުބުޙާނަﷲއެވެ. އޭނާގެ މޫނުގައި ހަނދުގެ އަލިކަންފަދަ އުޖާލާކަންވެއެވެ. މައުސޫމުކަމާއި އުފާވެރިކަންވެއެވެ. މިހުރިހާކަމަކާއެކު އެކަލޭގެފާނު އެ ޒުވާނާއަށް އިޝާރާތްކޮށް ވިދާޅުވިއެވެ. 'ތިބާއީ ކުޑަ ކުއްޖަކީމެވެ. ތިބާގެ މަންމަގެ ނުވަތަ އަހުލުންގެ ގާތަށް އެނބުރި ދާށެވެ.' އެކަލޭގެފާނުގެ ބަސްފުޅު އިވިވަޑައިގެން، އެ ޒުވާނާއަށް ބޭއިޚްތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ. އޭނާ އަނެއްކާވެސް ހިތްވަރުކޮށްފައި، އަބޫ ޤުދާމާއަށް ބުންޏެވެ. 'ﷲ ގަންދީ ބުނަމެވެ. އަހުރެންގެ ބަންޕަ ޝަހީދުވެ ދިޔައީ، ކަލޭގެފާނުންވެސް ތިޔަ ކުރައްވާފަދަ ޖިހާދުތަކުގައެވެ. އޭ އަބޫ ޤުދާމާއެވެ! އަހުރެން ފޮނުވައިނުލައްވާށެވެ! އޭ އަބޫ ޤުދާމާއެވެ! ﷲ ހެކިކޮށް ބުނަމެވެ. އަހުރެންނަކީ ފުރާ ފުރިހަމަވެފައިވާ ފިރިހެނަކީމެވެ. އަހުރެންވަނީ ﷲގެ ފޮތް ހިތުދަސް މީސްތަކުންގެތެރެއިންނެވެ.' އެ ޒުވާނާގެ މީ އާދޭހާ އެކުވެސް، އަބޫ ޤުދާމާ އޭނާ އަނބުރާ ރަށަށް ފޮނުވާލެއްވުމުގެ ގަސްދުގައި ވިދާޅުވިއެވެ. 'ކޮއިފުޅާއެވެ. ހަނގުރާމައަށް ތިބާއީ ކުޑަ ކުއްޖެކެވެ. އެނބުރި ހިނގައިދާށެވެ'
އެ ޒުވާނާގެ ހިތްވަރު އެލޭގޮތްވެ، އާދޭހުގެ ގޮތްމަތިން އަބޫ ޤުދާމާއަށް ނިސްބަތްކޮށް އެ ޒުވާނާ ބުންޏެވެ. 'އެކަމަކު އަހުރެންގެ މަންމަ ރޭގައި ކަލޭގެފާނާއި ބައްދަލު ކުޅަ ނޫންހެއްޔެވެ؟ އަހުރެން ތިޔަ ލަޝްކަރުގައި ބައިވެރިކުރުމަށް އެކަމަނާ ވަޞިއްޔަތްކުޅަ ނޫން ހެއްޔެވެ؟ އެއީ ތިބާގެ ލަގަނުގައި އައްސާނެ އިސްތަށިކޮޅު ކަލޭގެފާނަށް ދެއްވި ކަމަނާއެވެ.' ޒުވާނާގެ މި ޖުމްލަތަކާއެކު، އަބޫ ޤުދާމާއަށް ހުއްޓުންއެރިއެވެ. އެހެންނަމަވެސް އެ ޒުވާނާގެ މޫނުމަތިން ފެންނަ މަޢުސޫމުކަމާއި އޭނާގެ ޅަނދޮޅުކަމަށްޓައި އޭނާ ހަނގުރާމައަށް ގެންދަން އަބޫ ޤުދާމާ ދެކޮޅު ހެއްދެވިއެވެ. އެ ޒުވާނާ ކުރުނުކޮށް ބުނަމުން ގެންދިޔައެވެ. 'އަހުރެންނަކީ ހެވިކަމަށް ކުޅަދާނަ ޒުވާނަކީމެވެ. އަހުރެންގެ ބޭނުން ކަލޭގެފާނާއި ލަޝްކަރަށް ހިއްޕެވޭނެއެވެ. އަހުރެންނަކީ ކުޅަދާނަ އަސްވަރަކީމެވެ.' ޒުވާނާގެ އެދުންތަކުގެ ޚާލިސްކަން އެނވިވަޑައިގެން، އޭނާގެ އެދުމަށް ފުރަގަސްދޭން ނުކެރި، ގޮތް ދޫކުރައްވަން އަބޫ ޤުދާމާއަށް ޖެހިވަޑައިގެންފިއެވެ. އެކަލޭގެފާނު އެ ޒުވާނާއަށް ވިދާޅުވިއެވެ. 'އެންމެ ރަނގަޅެވެ. އަހުރެންމެނާއެކުގައި އަންނާށެވެ. އެކަމަކު ތިބާ ހުންނަންޖެހޭނީ އެންމެ ފަހަތު ސަފުގައެވެ. އަދި ތިބާގެ މަސްޢޫލިއްޔަތަކީ ލަޝްކަރުގެ ސިފައިންނަށް ކާނާ ތައްޔާރުކުރުމެވެ.' މިއަޑާއެކު ޒުވާނާއަށް ހީވީ އޭނާ ދުނިޔެމަތީގައި އެދުނު ހުރިހާ އެދުމެއް އެއްފަހަރާ ހާސިލްވި ހެންނެވެ.
ދުވަސް ދައުރުވަމުން އައިސް ޢަސުރުން ތިރި ވެއްޖެއެވެ. ދުޝްމަނުންގެ ލަޝްކަރު އޮތީ ވަރަށް ދުރުގައެވެ. އެ ބައިމީހުންނަށް މިއަދުގެ ރާސްތާގައި އިސްލާމީ ލަޝްކަރާއިއ ބައްދަލުކޮށް މުޤާބަލާކުރެވޭނެއެކޭ ހިޔެއްނުވެއެވެ. އިސްލާމީ ލަޝްކަރުގައި ގިނަ ބޭކަލުން ތިއްބެވީ ރޯދައަށް ކަމުން، ރޯދަ ވިއްލާނޭ ކާނާގެ ކޮންމެވެސް މިންވަރެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށުނު ހިނދު، އެއްކަލަ ޒުވާނާ އަބޫ ޤުދާމާއަށް ދެންނެވިއެވެ. 'ތިޔަ ކާނާ ތައްޔާރުކުރާނީ ތިމަންނާއެވެ'. އޭނާ މިހެން ބުނުމާއެކު، އަބު ޤުދާމާ އެކަމަށް އިންކާރުނުކުރެއްވުމުން، ލަޝްކަރުގެ ފަހަތަށް ގޮސް އުނދުން ރޯކޮށް ކާނާ ތައްޔާރުކުރުމުގެ މަސައްކަތާއިގެން މަސްޢޫލުވެއްޖެއެވެ. ކާތަކެތި ރޯފިލުވުމަށް އުނދުން މައްޗަށް ލުމަށްފަހު އެޒުވާނާ، އެކާނާއަށް އިންތިޒާރުކުރަމުން ގެންދިޔައެވެ. އެ ޒުވާނާގެ ވަރުބަލިކަން އިންތިހާއަށް ގޮސްފައިވާކަމުން، އިސާހިތަކު ވަރުބަލިކަން އޭނާގެ ހަށިގަނޑަށް ވެރިވެގެންފިއެވެ. އުނދުނުގެ ކައިރީގައި އޭނާއަށް އޮށޯވެވުނީ ބޭއިޚްތިޔާރުގައެވެ. ނިދުމުގެ ގަސްތުގައެއްނޫނެވެ. ކޮންމެއަކަސް، އިރުއޮއްސެން ކައިރިވީއިރުވެސް އޭނާގެ ޚަބަރެއް އަދި ކާނާގެ ޚަބަރެއްވެސް ނުވުމުން، އަބޫ ޤުދާމާ ލަޝްކަރުގެ ފަހަތަށް، އެ ޒުވާނާގެ ހަރަކާތްތައް ބެލުމަށް ވަޑައިގެންފިއެވެ. އެވަގުތު އަބޫ ޤުދާމާއަށް އުނދުނުގެ ކައިރީގައި އެ ޒުވާނާ ނިދާފައިވަނިކޮށް ފެނިވަޑައިގަތެވެ. އޭނާ ނިދިން ނެންގެވުމުގެ ބޭނުންފުޅުގައި އެ ޒުވާނާއާ ގާތަށް ވަޑައިގެންނެވުމުން، އޭނާ ނިދީގެ ތެރޭގައި ހިނިތުންވެފައިވާ ތަން ފެނި ވަޑައިގަތެވެ. އަދި ފަހަރަކަށްވުރެ ފަހެރެއް، އޭނާގެ ހިނިތުންވުން ގަދަވެ، ހުނުމަށް ބަދަލުވެއްޖެއެވެ. މިކަމުގެ ތެރޭގައި ކުއްލިއަކަށް ޒުވާނާއަށް ހޭލެވިއްޖެއެވެ. އަދި އަބޫ ޤުދާމާ އޭނާގެ ޙާޟިރުގައި ހުރުމުން، އެ ޒުވާނާގެ ހާސްކަން އިތުރު އެކަލޭގެފާނުގެ އަރިހުން މަޢާފަށް އެދުނެވެ. އަދި ބުންޏެވެ. 'އަހުރެންނަށް މާފުކުރައްވާށެވެ. ވެފައި ހުރި ވަރުބަލިން ނިދިޖެހުނީއެވެ. އަހުރެން މި ކާނާތައް އަވަހަށް ތައްޔާރުކޮށްގެން މިދަނީއެވެ.'
ޒުވާނާގެ ވާހަކަތަކަށް އެއްވެސް ފަރުވާލެއްނެތި، އަބޫ ޤުދާމާ އެ ޒުވާނާއަށް ވިދާޅުވިއެވެ. 'ދެންމެގައި ތިބާ ހުވަފެނުގައި ހިނިތުންވީ ކޮން ކަމަކާތޯއެވެ؟ އަދި ފަހަރެއް ފަހަރަކަށްވުރެ ބޮޑަށް އެ ހިނިތުންވުން ބޮޑުވެ އިތުރުވީ ކޮން ކަމަކާތޯއެވެ؟' އަބޫ ޤުދާމާގެ މި ސުވާލާއެކު ޒުވާނާއަށް ނުތަނަވަސްކަން ލިބި، އެކަލޭގެފާނުގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި، ކެއްކުމައިގެން މަސްޢޫލުވެގަތެވެ. އެވަގުތު އަބޫ ޤުދާމާ، އެ ޒުވާނާއަށް ހުރަސްއެޅުއްވުމާއެކު ވިދާޅުވިއެވެ. 'އަހުރެންނަށް ތިޔަ ހުވަފެން ކިޔައިނުދެނީސް މި ލަޝްކަރަށް ކާނާތައްޔާރުކުރުމުގެ ބަރަކާތެއް ތިބާއަކަށް ނުދޭނަމަވެ. އަހުރެންނަށް ތިޔަ ހުވަފެން ކިޔައިދޭށެވެ.' އެންމެފަހުން ޒުވާނާ ހަދާނެ ގޮތް ހުސްވެ ބުންޏެވެ. 'އެއީ އަހުރެންނާއި އަހުރެންގެވެރި އިލާހާއި ދެމެދުގައިވާ ކަމެކެވެ. އެހެންނަމަވެސް ކަލޭގެފާނުގެ ޤަދަރަށްޓަކައި ކިޔައިދޭނަމަވެ.'
'އަހުރެންނަށް ނިދިޖެހުނު ވަގުތު އަހުރެންނަށް ފެނުނީ ދުނިޔޭގެ އަޖަލު ޖެހިއްޖަޔަތީއެވެ. ދުނިޔެ ނިމިއްޖެއަތީއެވެ. އެވަގުތު މީހަކު ގޮވާތީ އިވިއްޖެއެވެ. އެއަޑު އަހުރެންނަށް ނިސްބަތްކޮށް ބުނާތީ އިވުނެވެ. މުޙައްމަދު ނަގާށެވެ. އޭނާގެ އަތުގައި ހިފާށެވެ. އަދި އޭނާ ސުވަރުގެއަށް ގެންދާށެވެ. މިއަޑާއެކު މީސްތަކުންގެ ތެރެއިން އަލިކަމެއް އަހުރެންނާއި ދިމާއަށް އަންނާތީ ފެނުނެވެ. އިސާހިތަކު، އިންސާނުންގެ ތެރެއިން ފެންނާނެ އެންމެ ރިވެތި ސޫރައިގާވާ މީހަކު އަހުރެންގެ ގާތުގައިވަނިކޮށް ފެނުނެވެ. އޭނާގެ މޫނުމަތީގެ ނޫރު ވިދާ ބަބުޅަނީއެވެ. ވަށައިގެންވާ އެންމެހާ ތަކެއްޗާއި މީސްތަކުން ފަނޑުވާ މިންވަރަށެވެ. އޭނާ އަހުރެން ސުވަރުގެއަށް ގެންގޮސްދީފިއެވެ. އަހުރެން އެމީހަކާއި ސުވާލުކުތީމެވެ. ތިޔައީ ކާކުތޯއެވެ. އޭނާ ޖަވާބުދިނެވެ. އަހުރެންނީ ކަލޭގެފާނަށްޓަކައި ސުވަރުގޭގައި ﷲ ސުބުޙާނަހޫ ވަތަޢާލަ ތައްޔާރުކުރައްވާފައިވާ ގަނޑުވަރުގެ ޚާދިމުންކުރެ ޚާދިމަކީމެވެ. އަހުރެން އަނެއްކާވެސް އެމީހަކާއި ސުވާލުކުރީމެވެ. އަހުރެން ތިޔަ ގެންދަނީ ކޮންތާކަށްތޯއެވެ. އެހިނދު އޭނާ ހިނިތުންވުމާއެކު އަހުރެންނަށް ޖަވާބުދިނެވެ. ތިބާ މިގެންދަނީ ތިބާގެ އަހުލުންގެ ގާތަށެވެ. ތިބާގެ ރިޒްޤުގެ ގާތަށެވެ. ސުވަރުގޭގައިވާ ތިބާގެ ގަނޑުވަރަށެވެ. ކުޑަ އިރުކޮޅަކުން ބޮޑަތި ރީތި ދޮތުރައް ލާފައިހުރި ތަނަކަށް އޭނާ އަހުރެން ގެންގޮސްދިނެވެ. އަދި އަހުރެންނަށް ބުންޏެވެ. މިދޮރުން އެތެރެއަށް ވަނުމުގެ އިޛުނައެއް އަހުރެންނަކަށް ލިބިގެން ނުވެއެވެ. އެއީ ކަލޭގެފާނަށްޓަކައި ފަރުދާކުރެވިފައިވާ ކަނބަލުން މިގަނޑުވަރުގައިވާ ވާ ކަމަށްޓަކައެވެ. އަހުރެން ގަނޑުވަރުގެ އެތެރެއަށް ވަނުމާއެކު، ރީތި ކަނބަލުންތަކެއް އައިސް އަހުރެންގެ މުލައްދަނޑީގައި ހިނފާ އެތެރެއަށް ގެންދާންފަށައިފިއެވެ. އަހުރެން އެކަނބަލުންނާއި ސުވާލުކުރީމެވެ. ތިޔައީ އަހުރެންގެ އަނބިއަނބިކަނބަލުންތޯއެވެ. އެކަނބަލުން ޖަވާބުދެއްވިއެވެ. ނޫނެކެވެ. ތިމަންމެންނީ ކަލޭގެފާނުގެ ޚާދިމުންނެވެ. ކަލޭގެފާނަށްޓަކައި ފަރުދާކުރެވިގެންދާ ކަމަނާ ފަށުވިފޮތީގެ ފޭރާމުގައި އެ އިންނެވީއެވެ. ކަލޭގެފާނުގެ އިންތިޒާރުގައެވެ. އަހުރެންނަށް އެ ކަނބަލަކު ފެނުމާއެކު އަހުރެންގެ ފުރާނަ ހަށިގަނޑާއި ވަކިވެގެން ނުދިޔައީ ކިރިޔާއެވެ. އެފަދަ ރީތި އެހެން ޞާޙިބަކު ދެކިފައިނުވާކަމުންނެވެ. އެއީ އަހުރެންނަށް ހިނިތުންވެވުނު ވަގުތެވެ.
އެކަމަނާއަށް މުޚާތަބުކޮށް، އެއީ ކާކުތޯ ސުވާލުކުރުމަށް އެކަމަނާ އަހުރެންނަށް ޖަވާބު ދިނެވެ. އަހުރެންނީ ކަލޭގެފާނަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޢުދުކުރައްވާފައިވާ ހަދިޔާއެވެ. އަހުރެންނީ ސުވަރުގޭގައި ކަލޭގެފާނުގެ އަނބިކަމަނާއެވެ. އެވަގުތު އަހުރެން، އެކަމަނާގެ ގައިކޮޅުގައި އަތް ޖައްސާލުމަށް އަހުރެންގެ އަތް ދިއްކޮށްލީމެވެ. އެހެންނަމަވެސް އެކަމަނާ އަހުރެންގެ އަތް އަހުރެންނަށް ރައްދުކުޅައެވެ. އަދި ބުންޏެވެ. އޭ މުޙައްމަދެވެ. އަދި ވަގުތެއްނުޖެހެއެވެ. ކަލޭގެފާނަށް އަހުރެން އަދި މިލްކުވެގެންނުވެއެވެ. އެންމެހާ ނުބައިކަންތައްތަކުން ކަލޭގެފާނު ރައްކާތެރިކުރެއްވުން އެދި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. އަހުރެންނީ ކަލޭގެފާނުގެ ޢިއްފަތަށްޓަކައި ﷲ ދެއްވި ހަދިޔާއެވެ. ކަލޭގެފާނު އެކަމަށް ހުށިޔާރުވެ ހުންނަވާށެވެ. އަހުރެމެން ބައްދަލުވާނީ މާދަމާއެވެ. މާދަމާ އަހުރެމެން ރޯދަ ވިއްލާނީ އެކުއެކީގައެވެ. އެކަމަނާ މިހެން ބުނީ އަހުރެން ދެދުވަހުން އެއް ދުވަހު ރޯދައަށް ހުންނާތީއެވެ. އެކަމަނާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް އަހުރެންގެ އުފާވެރިކަން އިތުރުވެ، އެކަމަނާގެ ގައިކޮޅުގައި ބީހިލުމަށް އެދި އަތް ދިއްކުރީމެވެ. އެއީ އަހުރެންގެ ހިނިތުންވުން އިތުރުވެ ހެވެންފެށިވަގުތެވެ.' މި ހިސާބަށް ބުނުމަށްފަހު، މިއީ އެކަލޭގެފާނާއި އޭނާއާ ދެމެދުގައިވާ ސިއްރެއްގެ ގޮތުގައި ބާއްވައިދިނުމަށް އެދުނެވެ. އެވަގުތުން ފެށިގެން އެ ޒުވާނާއަށް ޚާއްސަ މަޤާމެއް އަހުރެންގެ ހިތުގައި ވެއެވެ.
ވިދިގެން އައި ދުވަހަކީ މުސްލިމުންނާއި ދުޝްމަނުންގެ ލަޝްކަރު ހަނގުރާމައިގެ މައިދާނުގައި ޣަރަނބުވެގެން ދުވަހެވެ. ހަނގުރާމެ ފެށުމުގެ ކުރިން އަބޫ ޤުދާމާ، އެ ޒުވާނާ ހުރި ސަފަށް ބައްލަވާލެއްވިއެވެ. އޭނާ ހުރީ އެންމެ ފަހަތުގައެވެ. ހަނގުރާމަ ފެށި، މައިދާން އެ މިފުށަށް ޖެހުނު ހިނދު، އެ ޒުވާނާ ލަޝްކަރުގެ އެންމެ ކުރީގައި ހިތްވަރާއެކު ކާފަރުންގެ ގައިގައި ކަނޑި ހިންގަމުންދާތަން އަބޫ ޤުދާމާއަށް ފެނިވަޑައިގަތެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާ ދުޝްމަނުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު، އެތެރެއަށް ދެމިގެންފިއެވެ. އޭނާއަށް ކަނޑީގައި ރަނގަޅަށް ހިފަހައްޓާން ނޭނގުނުނަމަވެސް، އޭނާގެ ހިތްވަރު ބައްޔެއް ނޫނެވެ. އެ ޒުވާނާ ގޮވަމުންދިޔައެވެ. 'ފަހެ އަހުރެމެންނާއި ދުޝްމަނުން ބައްދަލުވެއްޖެނަމަ، ދުރަށް ނުދުވާށެވެ. އަހުރެމެންގެ ބުރަކަށިތައް އެބައިމީހުންނަށް ނުދައްކާށެވެ.' މިހެން ގޮވަމުން އެ ޒުވާނާ ނުހަނު ގަދަ ހިތްވަރު ކުރަނީއެވެ. ހަނގުރާމަ ނިމި، މުސްލިމުންނަށް ނަސްރު ލިބުނު ހިނދު، އަބޫ ޤުދާމާ އެ ޒުވާނާ ހޯދަންފެށިއެވެ. އޭނާ ވަނީ ކާފަރުންގެ ހަށިތަކުގެ ތެރޭގައި ތާށިވެފައެވެ. އޭނާގެ މުޅި ހަށިގަނޑުވަނީ ޒަޚަމްތަކުން ފުރިފައެވެ. ބޮލުން ފައިބަމުން ދިޔަ ލޭތައް އޭނާގެ މޫނު މައްޗަށް އެޅެނީއެވެ. އޭނާ، މުސްލިމުންގެ ބޭކަލަކަށް ގޮވާލުމަށްފަހު، އަބޫ ޤުދާމާ ޙާޟިރުކޮށްދޭނެ އެދުނެވެ. ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި އަބޫ ޤުދާމާ އެތަނަށް ވަޑައިގެންފިއެވެ.
އަބޫ ޤުދާމާ އެކަލޭގެފާނުގެ ރިދާއިން އެ ޒުވާނާގެ މޫނު ސާފުކޮށްދިނުމުން، އޭނާ ބުންޏެވެ. 'ކަލޭގެފާނުގެ ހެދުންކޮޅު ހަޑިނުކޮށް އަހުރެންގެ ހެދުން ބޭނުންނުކުރީ ކީއްވެތޯއެވެ؟'. ކަރުނަތައް ފައިބަމުން ދިޔަ ހާލު، އަބޫ ޤުދާމާ އެ ޒުވާނާއަށް ވިދާޅުވިއެވެ. 'ހަނގުރާމަކީ މިކަހަލަ ކަމެކޭ އަހުރެން ނުބަނަމު ހެއްޔެވެ؟ ތިބާ މިކަމާއި ކުރިމަތިލީ ކީތްވެތޯއެވެ؟' އެ ޒުވާނާ ހިތްހަމަޖެހުމާއެކު ބުންޏެވެ. 'އޭ އަބޫ ޤުދާމާއެވެ. އަހުރެންގެ މަންމަ އަހުރެން މީހަކަށް ހަދައިދިނީ ހަމަ އެކަނި މިސަބަބަށްޓަކައެވެ. އަހުރެންގެ ބައްޕަވަނީ ޝަހީދުންގެ ތެރެއިންނެވެ. އަހުރެންވެސް އެ ދަރަޖައިގައިވާން ބޭނުމެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ އެކަލާނގެ މަގުގައި ހަނގުރާމަ ކުރުމަށް ވަޙީނުކުރައްވާ ހެއްޔެވެ؟ ކަލޭގެފާނަށް އަހުރެންނަށް މި ފެންނަ ކަންތައްތައް ފެންނަ ނަމައެވެ. އަހުރެންނަށް ސުވަރުގޭގައިވާ އަހުރެންގެ ގަނޑުވަރު އެބަ ފެނެއެވެ. އަހުރެން ތިބާގެ ކިބައިން މަދަދަކަށް އެދެމެވެ. އަހުރެންގެ ގަމީސް އަހުރެންގެ މަންމައަށް ރައްދުކޮށްދޭށެވެ. އެއީ އެކަމަނާ އަހުރެންގެ މައްޗަށް ހެކި ވުމަށްޓަކައެވެ. އަދި އެކަމަނާގެ ހިތްހަމަޖެހުމަށްޓަކައެވެ. އަހުރެންގެ ކުޑަ ކުޑަ އަންހެން ކޮއްކޮއެއްވެއެވެ. އޭނާގެ ނަމަކީ ފާތިމާއެވެ. ބައްޕަ ނެތުމުގެ ސަބަބުން އޭނާ އަހުރެން ދެކެ ނުހަނު ލޯބިވެއެވެ. އަހުރެން ހަނގުރާމައަށް އަންނާން އޭނާ އެއްބަސްވީ، އެނބުރި އަންނާނެ ކަމަށް އެބަސްވުމުންނެވެ. ކަލޭގެފާނު އޯގާތެރި ބަސްތަކުން އޭނާގެ ހިތް ހަމަޖައްސައިދީ މަސަލައްކޮށްދޭށެވެ.' މި ޖުމްލައާއެކު އެ ޒުވާނާ ހިނިތުންވާންފަށައިފިއެވެ. ކުޑަ ހިނދުކޮޅަކުން އެ ޒުވާނާ މި ދުނިޔޭގެ ފަނާވަނިވި ބިމާއި އަލްވަދާޢު ކިޔައިފިއެވެ.
ހަނގުރާމަ ނިމި، ތަރުސޫސް އެވެ ކިޔުނު ރަށަށް އަބޫ ޤުދާމާއާއި އެކަލޭގެފާނުގެ ލަޝްކަރު ވަނުމާއެކު، އެ ޒުވާނާގެ މަންމަ އޭނާގެ ދަރިފުޅާ ބެހޭގޮތުން އަބޫ ޤުދާމާއާ ސުވާލުކުރިއެވެ. ޖަވާބުގައި އެކަލޭގެފާނު، އެ ޒުވާނާގެ ގަމީސް އޭނާގެ މަންމައަށް އެރުވިއެވެ. އޭނާގެ އުފަލާއި ހިތާމައިގައި މަސްޢޫލުވެއްޖެއެވެ. އެކަމަނާގެ ދަރިފުޅަށްޓަކައި އުފާކުރަމުންނެވެ. ޝުކުރުވެރިވަމުންނެވެ. މިތަންވަޅު، މީސްތަކުންތެރޭގައި ކުޑަ ކުޑަ އަންހެންކުއްޖަކު، އެކެއް އަނެކެއްގެ މޫނަށް ބަލަމުންދާތީ އަބޫ ޤުދާމާއަށް ފެނިލައްވައިފިއެވެ. ހަމައެވަގުތު އެއީ ފާތިމާކަމާއި، އޭނާ އެ ޒުވާނާ ހޯދަނީކަން އެނގިލަވައިފިއެވެ. އަބޫ ޤުދާމާ ވަޑައިގެން އެކުޑަ ކުއްޖާ އުރާލެއްވިއެވެ. އަދި ހޯދަނީ ކޮން އެއްޗެއް ތޯއާމެދު ސުވާލުކުރައްވައިފިއެވެ. ފާތިމާ އޭނާގެ ބޭބެ ހޯދާކަން އެނގުމާއެކު، އެކަމަނާއަށް މޭރުންވާނޭގޮތުން އެ ޒުވާނާ ޝަހީދުވި ވާހަކައާއި ޖަންނަތުން ބައްދަލުވާނޭ ވާހަކަ އެ ކުޑަ ކުއްޖާއަށް އަބޫ ޤުދާމާ ވިދާޅުވެ ދެއްވައިފިއެވެ. ލިބުނު ޝޮކާއި، ހިތާމައިގައި އެވަގުތު ވެގެންދިޔައީ އެކުއްޖާ ޚަބަރު ހުސްވިވަގުތަށެވެ. މި މަންޒަރު ފާތިމާގެ މަންމައަށް ފެނި އެ ކުއްޖާ އުރާލައިގެން ރޮމުން ގިސްލަމުން އޭނާގެ ގެއަށް ހިންގާއްޖެއެވެ. ގޭތެރޭގައި އޭނާ ﷲއަށް ދުޢާ ދަންވާތީ އަބޫ ޤުދާމާއަށް އިވިލެއްވިއެވެ. " ޔާ ﷲ! ތިމަންގެ ފިރިކަލުންނާއި، ދަރިކަލުންނާއި، ދަރިކަނބަލުން އިބަ ﷲގެ ރަޙްމަތަށް ދަތުރުކޮށްފިއެވެ. ފަހެ، ތިމަން ކަމަނާއަށް ސުވަރުގެއިން މަޤާމެއް ދެއްވާންދޭވެ'
ނޯޓު: މި ޒުވާނާގެ ހަޔާތުން އެނގެން އޮތް ގޮތުގައި، ﷲގެ މަގުގައި ހެދި ބޮޑުވާ ކޮންމެ ފުރާނައަކަށް އެކަލާނގެ އެކަލާނގެ ގިނަ ގުނަ ނިޢުމަތްތައް ލިޔުއްވާފައިވެއެވެ. ފާފައިން އެއްކިބާވެ، ﷲގެ މަގުގައި ސާބިތުކަންމަތީގައި ދުނިޔެ ދޫކުރާ އަޅުންނަށް، އެކަލާނގެ ވަޢުދުފުޅާ އެއްގޮތަށް ނިޢުމަތް ދެއްވާކަމެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ނިޔަތް ޚާލިސްކުރުމަކީ މިކަމުގެ ތަޅުދަނޑިކަމެވެ.
މި ލިޔުމަކީ ތަރުޖަމާކޮށްފައިވާ ލިޔުމެއް | ތަރުޖަމާކުރީ: ޙަސަން ޢައްސާން
މަސްދަރު: ވަޓްޕެޑް / ބިލާލް އައްސަދު