ތައިލޭންޑް އިން މަކުނުވިދުރި ފެނިއްޖެ
ތައިލޭންޑަށް އެފްރިކާގެ ގައުމަކުން މި ދިޔަ ހަފްތާގައި އައި ޔޫރަޕް މީހެއްގެ ގައިން އެމްޕޮކްސް ނުވަތަ މަކުނުވިދުރި ބަލި ފެނިއްޖެ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ އޮފިޝަލުން ހާމަ ކޮށްފިއެވެ.
ތައިލޭންޑް ގެ ޑިޕާޓްމަންޓް އޮފް ޑިޒީސް ކޮންޓްރޯލްގެ އިސްވެރިޔާ ބުދަ ދުވަހު ހާމަ ކުރި ގޮތުގައި، 66 އަހަރުގެ އެ މީހާ ތައިލެންޑަށް އައިސްފައިވަނީ އޯގަސްޓް 14 ވަނަ ދުވަހު އެފްރިކާގެ ގައުމަކުންނެވެ. އެހެން ނަމަވެސް އެ ގައުމުގެ ނަން ހާމަކޮށްފައެއް ނުވެއެވެ.
އެ މީހާއަށް ޖެހިފައިވަނީ އެމްޕޮކްސްގެ ކޮން ބާވަތެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާއިރު ރޮއިޓަރސް އިން ބުނެފައިވަނީ ތައިލޭންޑްގެ ސިއްހީ އޮފިޝަލުން މި ކޭސް ބަލަމުން ގެންދަނީ އެމްޕޮކްސްގެ ކްލޭޑް 1 ވެރިއަންޓް ކަމަށެވެ. މި ވެރިއަންޓަކީ އެމްޕޮކްސް ގެ އެންމެ ހަލުއިކޮށް ފެތުރޭ ކަމަށް ބެލޭ އަދި ދުނިޔެއިން މިހާރު އެންމެ ކަންބޮޑުވެފައިވާ އެމްޕޮކްސްގެ ވޭރިއަންޓެވެ.
ތައިލޭންޑުން ފެނުނު ބަލި މީހާ މިހާރު ވަނީ ހޮސްޕިޓަލެއްގައި އެކަހެރިކުރެވިފައެވެ. ތައިލޭންޑްގެ އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި މި ފިރިހެން މީހާ ތައިލެންޑަށް އައުމުގެ ކުރިން މެދުއިރުމަތީގެ ގައުމެއްގައި ޓްރާންސިޓް ކޮށްފައިވެއެވެ. އެ ޤައުމުގެ ނަންވެސް ހާމަކޮށްފައެއް ނުވެއެވެ.
ތައިލޭންޑުގައި 2022 އިން ފެށިގެން އެމްޕޮކްސްގެ ކްލޭޑް 2 ގެ 800 ކޭސް ފެނިފައިވެއެވެ. ނަމަވެސް މިހާތަނަށް ކްލޭޑް 1 ނުވަތަ ކްލޭޑް 1ބީ ވެރިއަންޓްގެ އެއްވެސް ކޭހެއް އެ ގައުމުން ފެނިފައިވާ ކަމެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.
އެ ސަރަހައްދުގެ އެހެން ގައުމެއް ކަމުގައިވާ ފިލިޕީންސްގެ ވެރި ރަށް މެނީލާއިން، އުމުރުން 33 އަހަރުގެ ފިލީޕީންސްގެ ފިރިހެނެއްގެ ގައިން އެމްޕޮކްސް ފެނިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ހާމަ ކޮށްފައެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން މި ބައްޔަށް ސިއްހީ ކުއްލި ނުރައްކަލުގެ އިންޒާރު ނެރުމާ ގުޅިގެން ގައުމުތަކުން ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް ކުރާ މަސައްކަތް ވަނީ ވަރުގަދަ ކޮށްފައެވެ.
ބަލިޖެހިފައިވާ މީހުންނާ ކޮންޓެކްޓް ވާ މީހުންގެ ގަޔަށް ފަސޭހައި އަރާ މި ބަލި ތައިލޭންޑުން ރިޕޯޓް ކުރުމުން މިއީ ޑަބްލިއުއެޗްއޯ އިން މި ބައްޔަށް ހެލްތް އިމަރޖެންސީ އިއުލާން ކުރި ފަހުން އޭޝިއާ ސރަހައްދުން ބަލި އުޅޭ ކަމަށް ރިޕޯޓް ކުރި ތިންވަނަ ވަނަ ގައުމެވެ. ޕާކިސްތާނުގެ ޞިއްޙަތާބެހޭ މިނިސްޓްރީން ވަނީ މެދުއިރުމަތީގެ ގައުމަކުން އައި މީހެއްގެ ގައިން އެމްޕޮކްސް ވައިރަސް ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ.
އެފްރިކާ ސަރަހައްދުގެ ބޭރުން ފެނުނު މަކުނު ވިދުރީގެ ފުރަތަމަ ކޭސް ފެނުނުކަން ސްވީޑްން އިން ވަނީ އިއުލާން ކޮށްފައެވެ.
މަކުނު ވިދުރި ނުވަތަ އެމްޕޮކްސް ނުވަތަ މަންކީޕޮކްސް އަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާ އެ ޖަމްއިއްޔާ އިން ބަލިތަކަށް ނެރޭ އެންމެ މަތީ އެލަޓް މި ބައްޔަށް ވަނީ ނެރެފައެވެ.