ހާލަންޑްގެ ހެޓްރިކުން ސިޓީއަށް ބޮޑު މޮޅެއް
ހާލަންޑްގެ ހެޓްރިކާ އެކު މެންޗެސްޓާ ސިޓީން މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސިވިޗް ޓައުން އަތުން 4-1 އިން މޮޅުވެއްޖެ އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ 7 ވަނަ މިނެޓްގައި ސަމީ ސްމޮޑިކްސް ވަނީ އިޕްސިވިޗަށް ލީޑު ނަގައިދީ ސިޓީ ސިއްސުވާލާފަ އެވެ. ނަމަވެސް މެޗުގެ 12 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ހާލަންޑް ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ދެ މިނެޓް ފަހުން އިޕްސިވިޗްގެ ގޯލްކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކެވިން ޑި ބްރޭނާ ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ.
މެޗުގެ 16 ވަނަ މިނެޓްގައި ސިޓީގެ ތިންވަނަ ގޯލު ހާލަންޑް ކާމިޔާބުކޮށްދިން އިރު، އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކުރި ގޯލުންނެވެ. މިއީ ހާލަންޑް ސިޓީ އަށް ކުޅެން ފެށި ފަހުން ހެދި 10 ވަނަ ހެޓްރިކުކަން ފާހަގަކޮށްލެވެ އެވެ.
މި ހެޓްރިކާއެކު ހާލަންޑް ވަނީ ލީގުގައި ސިޓީން ކުޅުނު ދެ މެޗުގައި ހަތަރު ގޯލު ކާމިޔާބުކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމުން ވަނީ އަމިއްލަ ދަނޑުގައި އެވަޓަން 4-0 އިން ބަލިކޮށްފަ އެވެ. ވެސްޓްހަމް ޔުނައިޓެޑުން 2-0 އިން ކްރިސްޓަލް ޕެލެސް ބަލިކުރިއިރު، ފުލަމް އިން ވަނީ 2-1 އިން ލެސްޓަ ސިޓީ ބަލިކޮށްފަ އެވެ. އަދި ނޮޓިންހަމް ފޮރެސްޓުން ވަނީ 1-0 އިން ސައުތްހެމްޓަން ބަލިކޮށްފަ އެވެ.