ހާލަންޑުގެ ހެޓްރިކާއެކު ސިޓީ އެއްވަނައަށް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އާލިން ހާލާންޑުގެ ހެޓްރިކާއެކު މެންޗެސްޓާ ސިޓީން މޮޅުވެ ތާވަލުގެ އެއްވަނަ ހޯދައިފިއެވެ.
ލަންޑަނުގައި ކުޅުނު މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާ އަކުންނެވެ.
ހާލަންޑް ވަނީ މެޗުގެ ދިހަ ވަނަ މިނިޓްގައި ވެސްޓް ހޭމްގެ ގޯލު ހުޅުވާލާފަ އެވެ. .
ސިޓީން ލަނޑެއް ޖަހައި ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް ވެސްޓް ހޭމްއިން ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މި ލަނޑަކީ ރުބެން ޑިއަސްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަދެފައިވާ ގޯލެކެވެ.
ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ނަގައި ދީފައިވަނީ މެޗުގެ 30 ވަނަ މިނިޓްގައި ހާލަންޑް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި މެޗުގައި ސިޓީން ޖެހި ތިންވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި ހާލަންޑް ކާމިޔާބުކޮށްފައިވަނީ ބޯޅަ ހޯދުމަށް ކީޕަރު ކުރިއަށް ޖެހިލި ވަގުތު އޭނާގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު, އެސްޓަން ވިލާ ވަނީ 2-1 ގެ ނަތީޖާ އަކުން ލެސްޓަރ ސިޓީ ބަލިކޮށްފަ އެވެ. އަދި ފުލަމް އާއި އިޕްސްވިޗް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައިވާއިރު ބޯންމަތު ވަނީ 3-2 ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށްފަ އެވެ.