ނައުޝާދުގެ މަރު: 2 މީހުން ދައުވާއަށް އިންކާރުކޮށްފި
2023 ފެބްރުއަރީ 24 ވަނަ ދުވަހު 21:30 ހާއިރު ކ. މާލެ، މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސް" ފިހާރަ ތެރެއަށް ބަޔަކު މީހުންވަދެ އެ ފިހާރަތެރޭގައި ހުރި ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދު ދީދީ (ނައުޝާދު) އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އިބްރާހީމް ފައިހް ނިޒާމު ސ. މަރަދޫފޭދޫ، ރަށްދެބައިގެ އަދި ސިރުހާން އަލީ ތ. ގާދިއްފުށި، ގުލޭނޫރައްމާގެ މައްޗަށެވެ. މި ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު، މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މި މީހުންގެ މައްޗަށް އުފުލާ ދައުވާ އިއްވާފައެވެ. އަދި މި ދެމީހުން ވެސް ވަނީ ދައުވާއަށް އިންކާރު ކުރާ ކަމަށް ކޯޓުގައި ބުނެފައެވެ.
ދެ މީހުން ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ މި މީހުންނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތައް ހާމަކޮށްފައެވެ. އަދި އެ ހެކިތަކަށް ރިއާޔަތްކޮށް މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ވަނީ ނިންމާފައެވެ. މި މައްސަލައިގެ އިތުރު އަޑުއެހުމެއް މިމަހު ތެރޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވާ އިބްރާހީމް ފައިހް ނިޒާމު އަދި ސިރުހާން އަލީ ހުރީ ޝަރިއަތް ނިމެންދެން ބަންދު ކޮށްފައެވެ.