ޔާމީންވެސް ގަބޫލެއް ނުކުރޭ ބްރިޖު އެޅޭނެކަމަށް: އަދީބް
ސިނަމާލެ ބްރިޖު އެޅޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ގަބޫލުވެސް ނުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި މިރޭ އާންމު ކުރެއްވި ވީޑިއޯއެއްގައި އަދީބު ވިދާޅުވީ ބްރިޖުގެ ޕްލޭނިން މަރުހަލާ އާއި އެހެނިހެން ކަންކަމުގައި ޔާމީންގެ އެއްބާރުލުން ވަރަށް މަދު ކަމަށާއި ކޮންމެ ކަމެއްގައި ޔާމީން ވިދާޅުވަމުން ދިޔައީ "އަދީބު މި ކުރިއަށް ގެންދާށޭ" ކަމަށެވެ. އަދި ބްރިޖު އެޅޭނެ ކަމަށް ޔާމީން ގަބޫލެއް ވެސް ނުކުރައްވާ ކަމަށް އަދީބު ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ ރައީސް ޔާމީން ވެސް ގަބޫލެއް ނުކުރައްވާ ބްރިޖު އެޅޭނެ ކަމަކަށް. ވަރަށް ގިނަ ބަޔަކު ގަބޫލެއް ނުކުރޭ. އަޅުގަނޑު އޭރު ބުނަމުންދިޔައީ ކޮންވިކްޝަނާ އެކީ މިއީ ޔަގީން ބްރިޖެކޭ،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ބްރިޖު އެޅޭނެ ކަމަށް ގަބޫލުކުރެއްވީ ވަރަށް މަދު ބައެއް ކަމަށާއި އޭގެތެރޭގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ އިންޖިނިއަރުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި ބްރިޖާއި އޭގެ ލޭނުތައް ވެސް މިހާރު ހުރީ އިކޮނޮމިކް ކައުންސިލުން އޭރު ފައިނަލް ކުރި ގޮތަށް ކަމަށާއި ބްރިޖުގައި ބައިސްކަލް ދުއްވަން ނުޖެހޭ ކަމަށް ނިންމީ ވެސް ޔާމީން ކަމަށް އަދީބު ވިދާޅުވި އެވެ.
"އެއީ ރައީސް ޔާމީންގެ ނިންމުމެއް. މިއަދު ރައީސް ޔާމީންގެ ހަނދާންފުޅު ނުހުންނަނީ އެއީ އެބޭފުޅާގެ ގޮތް. އެއްވެސް ކަމެއްގައި ހަނދާންފުޅެއް ނުހުރޭ،" އަދީބު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އޭނާ އާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ބޮލަށް ޖެހި ގޮތަށް މިއަދު ބްރިޖު ލޭނުގެ ކަންކަން ރައީސް މުއިއްޒުގެ ބޮލުގައި އަޅުވަން ޔާމީން މަސައްކަތް ކުރައްވާ ކަމަށްވެސް އަދީބު ވިދާޅުވި އެވެ. ނަމަވެސް ޔާމީން ދައްކަވަނީ ހަގީގަތެއް ހުރި ވާހަކައެއް ނޫން ކަމަށާއި އެއީ ފުރިހަމަ ބްރިޖެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.