މިދިޔަ އަހަރު ކާޑުން 22.96 ބިލިޔަން ރުފިޔާގެ މުޢާމަލާތްކޮށްފައިވޭ
މިދިޔަ އަހަރު ނިމުނުއިރު ބޭންކުތަކުން ދޫކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން 22.96 ބިލިޔަން ރުފިޔާގެ މުޢާމަލާތްކޮށްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމް.އެމް.އޭގެ ރިޕޯޓަކުން ދައްކައިފިއެވެ.
އަހަރުން އަހަރަށް ނަގުދު ފައިސާގެ މުޢާމަލާތް ކުރާ މިންވަރު ދަށްވެ ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެމް.އެމް.އޭގެ ޕޭމަންޓް ބްލެޓިން ރިޕޯޓުން ދައްކާގޮތުން ފާއިތުވި 5 އަހަރުވެސް ކާޑު ބޭނުންކޮށްގެން ކުރާ މުޢާމާލާތްތަކުގެ އަދަދު އައީ އިތުރުވަމުންނެވެ.
މިދިޔަ އަހަރު ކާޑު ބޭނުންކޮށްގެން ކުރި 22.96 ބިލިޔަން ރުފިޔާގެ މުޢާމަލާތްތަކުގެ ތެރެއިން %85.5 އަކީ ޕީއޯއެސް މެޝިން މެދުވެރިކޮށް ހިންގި މުޢާމަލާތްތަކެވެ. އަދި %14.5 އަކީ އޮންލައިން ޓްރާންސެކްޝަންތައްކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
2023 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ އެކި ބޭންކުތަކުން 831 ހާސް ޑެބިޓް ކާޑު ދޫކޮށްފައިވެއެވެ. އަދި މީގެތެރެއިން %58 ކާޑު އަހަރު ނިމުނުއިރުވެސް ދިޔައީ ބޭނުންކުރަމުންނެވެ. 2023 ވަނަ އަހަރު ނިމުނުއިރު އާބާދީގެ 410،000 މީހުންގެ ބޭންކް އެކައުންޓެއް އޮވެއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %8.7 އިތުރު އަދަދެކެވެ. އެކައުންޓް ހުޅުވާފައިވާ މީހުންގެ ތެރެއިން %71 އަކީ ދިވެހިންނެވެ. އަދި %29 އަބީ ބިދޭސީންނެވެ.