ޕެލަސް މެޗުން ޔުނައިޓެޑް އެއްވަރުވެއްޖެ
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.
ސެލްހާސްޓް ޕާކްގައި ރޭ ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތައް ލިބުނު ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ. މި މެޗު ފެށިގެން ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ގެންގުޅެ، ޑޮމިނޭޓްކޮށްފައިވާއިރު ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް ފޮނުވާލީ ވެސް އެ ޓީމުންނެވެ.
މިއީ ޔުނައިޓެޑުން ޕެލަސްގެ ދަނޑުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅެއްނުލިބި ނިންމާލަން ޖެހުނު ފަސްވަނަ ފަހަރެވެ. އެ ޓީމަށް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ޖެހުނީ އެންމެ ގޯލެކެވެ. މި ދެ ޓީމު އެންމެ ފަހުން ޕެލަސްގެ ދަނޑުގައި ނިމިދިޔަ ސީޒަނުގެ ލީގުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 0-4 އިންނެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ. މިހާތަނަށް މެޗަކުން މޮޅެއްނުލިބި އޮތް ޕެލަސް އަށް ފަސް މެޗުން ލިބިފައިވާ ތިން ޕޮއިންޓާއެކު އޮތީ 16 ވަނައިގައެވެ.
ލީގުގައި ޔުނައިޓެޑަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރާ މެޗެވެ. އޭގެކުރީން، ޔުއެފާ ޔުރޮޕާ ލީގުގައި އަންނަ ބުރާސްފަތި ދުވަހު އެ ޓީމުން ނިކުންނާނީ ނެދަލެންޑްސްގެ އެފްސީ ޓުވެންޓޭއާ ދެކޮޅަށެވެ.