އެމްބާޕޭ އަށް އަނިޔާވެ ކުޅުމާއި ދުރަށް
ރެއާލް މެޑްރިޑްގެ ފޯވަޑް ކިލިއަން އެމްބާޕޭ އަށް އަނިޔާވެ ލީގުގައި އަންނަ ހަފްތާގައި އެ ޓީމު ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެކަމަށް ރެއާލް މެޑްރިޑް އިން ބުނެފި އެވެ.
ފްރާންސްގެ ޕީއެސްޖީ އިން މި ސީޒަނުގައި ރެއާލް މެޑްރިޑާއި ގުޅުނު އެމްބާޕޭ ލީގުގައި މިދިޔަ ހަފްތާގައި ޑިޕޯޓިވޯ އަލަވޭޒް އާއި ދެކޮޅަށް ކުޅުނު މެޗުގެ 80 ވަނަ މިނިޓުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
އެމްބާޕޭގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށް ދާން ޖެހިފައިވަނީ ކިހާ ދުވަހަކަށް ކަން ރެއާލް މެޑްރިޑްއިން ހާމަކޮށްފައިނުވި ނަމަވެސް އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭ އަށް ނުކުޅެވޭނެ އެވެ.
ރެއާލް މެޑްރިޑާއި ގުޅުނު ފަހުން އެމްބާޕޭ އެ ޓީމަށް ކުޅުނު ނުވަ މެޗުގައި ވަނީ 7 ގޯލު ޖަހައިދީފަ އެވެ.
މި ސީޒަނުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭ ގޮތަށް ފުޓްބޯޅަ ކަލަންޑަރު އެކުލަވާލާފައިވާތީ ކްލަބްތަކުގެ އިތުރުން ކޯޗުންނާއި ކުޅުންތެރިން ވަނީ އެކަމުގެ އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ބުނެފައެވެ. އަދި މިއީ ކުޅުންތެރިންނަށް ނުބަލާ ހަމައެކަނި މާލީ މަންފާތަކަށް ބެލުމަށްފަހު ހަދާފައިވާ ކަލަންޑަރެއް ކަމަށްބުނެ ބައެއް ކުޅުންތެރިން ވަނީ އެކަމާއި އިހުތިޖާޖު ކުރަންވެސް ގޮވާލާފަ އެވެ.
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް މިހާތަނަށް ކުޅުނު ހަތް މެޗުން އެ ޓީމަށް 17 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފައިވާއިރު ވާދަވެރި ބާސެލޯނާ ވަނީ ކުޅުނު ހަތް މެޗުވެސް ކާމިޔާބުކޮށް 21 ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ.