ބްރިޓަކޮމްގެ މެންބަރަކަށް މީރާވެއްޖެ
ބެލްޓް އެންޑް ރޯޑް ޓެކްސް އިނިޝިއޭޓިވް ޓެކްސް އެޑްމިނިސްޓްރޭޝަން ކޯޕަރޭޝަން މެކޭނިޒަމް (ބްރިޓަކޮމް) ގެ މެންބަރަކަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވެއްޖެ އެވެ.
އެކަމުގެ އެއްބަސްވުމުގައި މިދިޔަ އަންގާރަ ދުވަހުހޮންކޮންގައި ބޭއްވި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ޓެކްސް ކޯޕަރޭޝަން ފޯރަމްގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރެވެ.
ބީއާރްއައި އަކީ ރީޖަންގެ ގައުމުތަކުގެ ޓަޖްސް އިދާރާތަކުގެ މެދުގައި ގުޅުން ވަރުގަދަ ކުރުމަށާއި މެންބަރު ގައުމުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފަހިކޮށް ދިނުމަށް އެކުލަވައިލުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.
މީރާ އިން ބުނީ އެ ޖަމާއަތުގެ މެންބަރަކަށްވުމާ ގުޅިގެން ތަފާތު ތަމްރީނު ޕްރޮގްރާމުތަކާއި މަޝްވަރާ ބައްދަލުވުންތަކުގައި މުވައްޒުން ބައިވެރިވުމަށް ފުރުސަތު ލިބުމާއި ޓެކުހުގެ ނިޒާމު ކުރިއަރާފައިވާ ގައުމުތަކުގެ ތަޖުރިބާ ދެނެގަނެވުމާއި މަސައްކަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށެވެ.
މީގެއިތުރުން، ބީއާރްއައިގައި ބައިވެރިވުމުން ސަރަހައްދީ ގައުމުތަކުގެ ޓެކްސް އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކުރުމަށް ޓަކައި ބްރިޓަކޮމް އިން އަދާކުރާ ދައުރާއި ޓެކްސް އިދާރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ގުޅިގެން ހައްލު ހޯދޭނެ ކަމަށެވެ. މީރާ އިން ބުނީ ޓެކްހުގެ ހަރުދަނާ ނިޒާމުތައް ބިނާކުރުމުގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ބޮޑު ކަމަށެވެ. އަދި ބްރިޓަކޮމްގެ މެންބަރެއްގެ ގޮތުގައި، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި ޓެކުހުގެ އިދާރީ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނެ ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުން ކަމަށް މީރާ އިން ބުންޏެވެ.