ޕާމާގެ ހެޓްރިކާއެކު ޗެލްސީ މޮޅުވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ކޯލް ޕާމާ ހެޓްރިކާއެކު ޗެލްސީ މޮޅުވެއްޖެ އެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެެޗު އެ ޓީމުން ކާމިޔާބު ކުރީ 4-2 އިންނެވެ.
މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ބްރައިޓަން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ކާލޮސް ބަލެބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ޖޯޖީނިއޯ ރުޓާ އެވެ. ނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި ނިކޮލަސް ޖެކްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޯލް ޕާމާ ވަނީ ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
އޭގެ ހަތް މިނެޓު ފަހުން ޗެލްސީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ޕާމާ ވަނީ އެ ޓީމަށް ލީޑު ހޯދައިދީފަ އެވެ. ޕެނަލްޓީ ކާމިޔާބު ކުރިތާ ތިން މިނެޓު ފަހުން، ޕާމާ ވަނީ މެޗުގައި ޗެލްސީގެ ތިން ވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ޕާމާ ވަނީ ހަތަރު ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. ފުރަތަމަ ހާފުގައި ބްރައިޓަންގެ ދެ ވަނަ ލަނޑު ޖެހީ ބަލެބާ އެވެ.
މޮޅާއެކު ޗެލްސީ އޮތީ ހަތަރު ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަ މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ.