ވޭޕް ބޭނުންކުރުން މަނާކުރާ ބިލު މަޖިލީހަށް
ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުން ތަންފީޒުކުރުމަށްޓަކާ ގާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އެވެ.
މި ބިލުގައިވާ ގޮތުން ރާއްޖެއަށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕުކުރަން ބޭނުންކުރާ ތަކެތި އެތެރެކޮށްފިނަމަ އެ ފަރާތެއް 50،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި، އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން ރާއްޖޭގައި ވޭޕު ވިއްކާ ކޮންމެ ފަރާތެއް 20،000ރ. ޖޫރިމަނާ ކުރުމަށް ބިލުގައި ހިމަނާފައިވާއިރު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.
އަދި ހިލޭ ވޭޕެއް މީހަކަށް ދީފިނަމަ 10،000ރ. ގެ ޖޫރިމަނާއެއް އަދި އެތަކެތި ބޭނުންކުރާ ކޮންމެ މީހަކު 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި ބިލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ.