ޗެލްސީ އާއި ޔުނައިޓެޑް އެއްވަރު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 10 މެޗުން ލިބުނު 12 ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގަ އެވެ. މިއީ ޔުނައިޓެޑްގެ ތާރީހުގައި ވެސް ޕްރިމިއާ ލީގުގައި އެންމެ ދަށްކޮށް ސީޒަނެއް ފެށި ފުރަތަމަ ފަހަރެވެ. ޗެލްސީ އޮތީ 18 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ.
މިއީ އެރިކް ޓެން ހާގް ކޯޗުކަމުން ވަކިކުރި ފަހުން ޔުނައިޓެޑުން ލީގުގައި ކުޅުނު ފުރަތަމަ މެޗު ކަމަށްވާއިރު، މި މެޗުގައި ޔުނައިޓެޑަށް އިރުޝާދު ދީފައިވަނީ ވަގުތީ ކޯޗު ރޫޑް ވެން ނިސްޓަލްރޫއި އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 70 ވަަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. މިއީ ޔުނައިޓެޑްގެ ފޯވާޑް ރަސްމުސް ހޮއިލެންޑަށް ޗެލްސީގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ޔުނައިޓެޑަށް ލީޑުގައި އޮވެވުނީ ހަަތަރު މިނިޓެށެވެ. އެގޮތުން ޔުނައިޓެޑްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދިނީ މޮއިސަސް ކައެސޭޑޯ އެވެ.
ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ ފަހަތުން އަރައި 4-1 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. މި މޮޅާ އެކު، ޓޮޓެންހަމް އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެއީ 10 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.