މީޑިއާ ކޮމިޝަން ބިލް އަނބުރާ ގެންގޮސްފި
މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެއް މުއައްސަސާއަކަށް ހެދުމަށް ހުށަހަޅާފައިވާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު' އަނބުރާ ގެންގޮސްފިއެވެ.
އެ ބިލް މި މަހުގެ 13 ގައި މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް އަބްދުއްރަހީމް ވިދާޅުވީ މި މަހުގެ ގައި ފުރަތަމަ ކިޔުން އިއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މި މަހުގެ 19 ވަނަ ދުވަހު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އެ ބިލުގައި ބުނެފައި ވަނީ އެ ގާނޫނަކަށްވެގެން އަމަލުކުރަން ފެށުމާއެކު އެމްއެމްސީ އާއި އަދި ބްރޯޑް ކޮމް އުވާލެވޭނެ ކަމަށާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި އުފައްދާ ކޮމިޝަނުގައި ތިބޭނީ 7 މެންބަރުން ކަމަށެވެ. އަދި އޭގެ ތެރެއިން 4 މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައިވެ އެވެ.
ބިލްގައިވާ ގޮތުގައި އަނެއް ތިން މެންބަރުންނަކީ މީޑިއާއިން އިންތިހާބުކުރާ މެންބަރުން ނަމަވެސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު އޮންނާނީ ރައީސުލްޖުމްހުރިއްޔާއަށެވެ.
ބިލްގައި ފާހަގަކޮށްފައިވާ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި, ތަރައްގީކޮށް, ދެމެހެއްޓުމަކީ އެ ގާނޫނުގެ މަގުސަދެކެވެ.
ބިލުގައި ބުނީ ކޮމިޝަން އެކުލަވާލައި މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން, ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެކުލަވާލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުން ކަމަށެވެ.
މި ބިލާ ގުޅިގެން މީޑިއާތަކާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަން ފެށުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ބިލު މަޖިލީހުން ނަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.