ފަސޭހަ ކަމާއެކު ބާސާ މޮޅުވެއްޖެ
ސްޕެއިންގެ ލަލީގާގައި ރޭ މަޔޯކާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފި އެވެ.
ބާސެލޯނާ އިން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ 16 މެޗުން 37 ޕޮއިންޓާއެކު ތާވަލިގެ އެއްވަނައިގައި 4 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ދެ މެޗު މަދުން ކުޅެގެން 14 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. މަޔޯކާ އަށް 16 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 6 ވަނައިގަ އެވެ.
މަޔޯކާގެ ދަނޑުގައި ބާވީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި ފެރާން ޓޮރޭޒް ވަނީ ލަނޑެއް ޖަހާ ބާސެލޯނާ އަށް ކުރި ހޯދަދީފަ އެވެ. ކޯޗު ހެންސީ ފްލިކް ވަނީ ބާސެލޯނާގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އަށް އަރާމު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި މެޗުގެ ފުރަތަމަ އެގާރައިގައި ފެރާން ޓޮރޭސް އަށް ފުރުސަތު ދީފަ އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް މަޔޯކާގެ ވިދާތް މުރިގީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ލަމީން ޔަމާލް އަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ރަފީނިއާ ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ބާސެލޯނާއަށް ކުރި ހޯދަދީފަ އެވެ.އަދި މެޗުގެ 74 ވަނަ މިނިޓުގައި ޔަމާލްގެ ދިން ރީތި ޕާހަކުން ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. މިއީ މި އަހަރުގެ ލީގުގައި ރަފީނިއާ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.
މި މެޗުގައި ބާސެލޯނާ އިން ޖެހި ފަހު ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ފްރެންކީ ޑެޖޮންގް އާއި ޕައު ވިކްޓަރ އެވެ.