ސިޓީ ބަލިކޮށް އަލް ހިލާލް ކުއާޓާއަށް
ފީފާ ކުލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ސައުދީ އަރަބިއްޔާގެ އަލް ހިލާލްއިން ހޯދައިފިއެވެ.
އަލް ހިލާލްއިން މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދާފައިވަނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ، އިތުރު ވަގުތުގެ ކުޅުމުގައި ޖެހި ލަނޑުތަކާއެކު 4-3 ގެ ނަތީޖާއަކުންނެވެ.
އޯލަންޑޯގެ ކޭމްޕިންގ ވޯލްޑް ސްޓޭޑިއަމްގައި ސާޅީސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 9 ވަނަ މިނިޓުގައި މެންޗެސްޓަރ ސިޓީގެ ބާނާޑޯ ސިލްވާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ސިޓީގެ މި ލަނޑާއެކު އެ ޓީމުގެ ކުޅުން ރަގަޅު ކުރި ނަމަވެސް ފުރަތަމަ ހާފުގެ ފަހުކޮޅު އަލް ހިލާލް އިން ވަނީ ގޭމުގެތެރެއަށް ވަދެ ސިޓީގެ ގޯލަށްވެސް ނުރައްކާ ކޮށްފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގެ ތެރޭގައި އަލް ހިލާލްގެ މާކޮސް ލިއޮނާޑޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި އަލް ހިލާލް އިން ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 52 ވަނަ މިނިޓުގައި މަލްކޮމް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް އަލް ހިލާލް އަށް ލީޑު ހިފަހައްޓާލެވިފައިވަނީ އެންމެ ތިން މިނިޓަށެވެ.
އޭގެ ތިން މިނިޓު ފަހުން މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި އަލް ހިލާލްގެ ހާލިދު ކުލިބާލީ ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އަލް ހިލާލް އަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ ހަ މިނިޓު ފަހުން ފިލް ފޯޑެން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ސިޓީ އަށް އެއްވަރުކޮށްދީފަ އެވެ.
އަލް ހިލާލް އިން ޕެޕް ގަޑިއޯލާގެ ވަރުގަދަ ޓީމު ސިއްސުވާލާފައިވަނީ މެޗުގެ 112 ވަނަ މިނިޓުގައި މާކޮސް ލިއޮނާޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.މި މެޗުން މޮޅުވުމާއިއެކު މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި އަލް ހިލާލް ނިކުންނާނީ ބްރެޒިލްގެ ފުލުމިނެންސޭ އާއި ދެކޮޅަށެވެ.