ބަޔާން ކުއާޓާ އަށް
ބްރެޒިލްގެ ފްލަމެންގޯ 4-2 އިން ބަލިކޮށް ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖަރުމަނުގެ ބަޔާން މިއުނިކް ޖާގަ ހޯދައިފި އެވެ.
މި މެޗުގެ ހަވަނަ މިނެޓްގައި ބަޔާނުން ލީޑު ނެގިއިރު މިއީ ފްލަމެންގޯގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި އޭގެ ތިން މިނެޓް ފަހުން ހެރީ ކޭން ބަޔާންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، މެޗުގެ 33 ވަނަ މިނެޓްގައި ގެސަން ވަނީ ފްލަމެންގޯ އަށް ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިއޯން ގޮރެޓްޒްކާ ވަނީ ބަޔާންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ ވަނީ ފްލަމެންގޯ އަށް އަނެއްކާވެސް ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. ނަމަވެސް މެޗުގެ 73 ވަނަ މިނެޓްގައި ކޭން ވަނީ ބަޔާންގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ ބަޔާނަށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.
މި ދެ ގޯލާއެކު މި ސީޒަނުގައި ކޭން ކާމިޔާބުކުރި ގޯލުގެ އަދަދު 41 އަށް ވަނީ އަރައިފަ އެވެ.
ކުއާޓާފައިނަލްގައި އަންނަ ހޮނިހިރު ދުވަހު ބަޔާން ބައްދަލުކުރާނީ ފްރާންސްގެ ޕީއެސްޖީއާ އެވެ. ޕީއެސްޖީ ކުއާޓާގެ ޖާގައެއް ހޯދީ އެމެރިކާގެ އިންޓަ މަޔާމީ ކަޓުވާލުމަށްފަހު އެވެ.