ނިސްޓެލްރޫއީގެ ފުރަތަމަ މެޗުން ލެސްޓާ ސިޓީ މޮޅުވެއްޖެ
ލެސްޓާ ސިޓީގެ ކޯޗުގެ މަގާމާ އަލަށް ހަވާލުވި ނެދަލަންޑްސްގެ ރޫޑް ވެންނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ދެކޮޅަށް ރޭ ކުޅުނު މެޗުން ލެސްޓަރ ސިޓީ މޮޅުވެފައިވަނީ. 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ކާމިޔާބު ކުރުމާއެކު ލެސްޓަރ ސިޓީއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ 15 ވަނަ އަށް އަރާފަ އެވެ. ވެސްޓް ހޭމް އޮތީ 15 ޕޮއިންޓާއެކު 14 ވަނައިގަ އެވެ.
ލެސްޓަރ ސިޓީގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި ތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ދެވަނަ މިނިޓުގައި ލެސްޓަރ ސިޓީގެ ޖެމީ ވާޑީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އެ ޓީމުގެ ޑެނީ އިންގްސް އާއި ޖެރޮޑް ބޮވެން އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. ޑެނީ އިންގްސް ފޮނުވާލި ދެ ހަމަލައެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއިރު ބޮވެންގެ ހަމަލަތައް ލެސްޓަރގެ ކީޕަރު ހޭމެންސަން ވަނީ ދިފާއުކޮށްފަ އެވެ.
މި މެޗުގައި ލެސްޓަރ ސިޓީއިން ލީޑު ފުޅާ ކޮށްފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި މޮރޮކޯގެ ބިލާލް އެލް ކަނޫސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި ލެސްޓަރގެ ޕެޓްސަން ޑަކާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ވެސްޓްހޭމް ޔުނައިޓެޑްގެ ނިކްލަސް ފުލްކްރަގް ވަނީ ލަނޑެއް ޖަހާފަ އެވެ.
މި ނަތީޖާ އާއިއެކު ވެސްޓްހޭމް ޔުނައިޓެޑްގެ ކޯޗު ޖޫލެން ލަޕޮޓޭގް އަށް ވަނީ އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހިފަ އެވެ. ވެސްޓް ހޭމް ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ތިން މެޗުން އެ ޓީމު މޮޅުވެފައިވާއިރު އެ ޓީމުގެ ސަޕޯޓަރުން ވަނީ ކޯޗު ލަޕޮޓޭގް އާއި ދެކޮޅަށް އަޑުއުފުލާފަ އެވެ.