ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ސްޓެލްކޯ އިން ބުނީ ރޭ ދަންވަރު 2:50 ހާއިރު މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރ ސަބްސްޓޭޝަނަށްވަދެ، ވައްކަން ކުރަން މީހަކު އުޅޭ މަންޒަރު ސީސީޓީވީ ކެމެރާ އިން ފެނިގެން އެކަން ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަަށެވެ. އަދި ފުލުހުން ގޮސް، އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓަރ ކުރެވޭ ތަންތަން ނަމަވެސް، ހުޅުމާލޭގެ ދެވަނަ ދިޔަވަހީގެ ސަބްސްޓޭޝަންފަދަ ތަންތަނުން ކުރެވޭ މިފަދަ ވައްކަންތައް ހުއްޓުވުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން، އެކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
މާފަންނު މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރ ސަބްސްޓޭޝަނުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާއިރު، މިމަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގައި ކަރަންޓު ޚިދުމަތް ދިނުމަށް ބަހައްޓާފައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުމުން ސްޓެލްކޯ މުވައްޒަފަކަށް ހަމަލާ ދީ ވަނީ މާރާމާރީ ހިންގާފައެވެ.