އެފްއޭ ކަޕުން ޗެލްސީ ކަޓައިފި
އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ބްރައިޓަން އަތުން 2-1 އިން ބަލިވެ، މުބާރާތުން ޗެލްސީ ކަޓައިފި އެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓްގައި ޗެލްސީން ވަނީ ލީޑު ނަގައިފަ އެވެ. މިއީ ބްރައިޓަންގެ ގޯލްކީޕަރު ބާޓް ވާބްރޫގެން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ނަމަވެސް މެޗުގެ 12 ވަނަ މިނެޓްގައި ޖޯޖީނިއޯ ރަޓާ ވަނީ ބްރައިޓަނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ޗެލްސީގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުން ބްރައިޓަން މޮޅުވި ގޯލު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކައޯރޫ މިޓޯމާ އެވެ. ޗެލްސީގެ އޭރިއާގެ ތެރެއަށް ވަދެ މިޓޯމާ ގޯލު ކާމިޔާބުކުރީ ކީޕަރު ބޯމަތިން ބޯޅަ ފޮނުވާލައިގެންނެވެ.
އެފްއޭ ކަޕުން ޗެލްސީ ކެޓިއިރު، މި ސީޒަނުގައި އެޓީމަށް ދެން ކާމިޔާބު ކުރެވެން އޮތް ތަށްޓަކީ ޔޫއެފާ ކޮންފަރެންސް ލީގެވެ.
މުބާރާތުގެ ހަތަރު ވަނަ ބުރުގައި އިއްޔެ މެންޗެސްޓާ ސިޓީން ވަނީ ފަހަތުން އަރައި 2-1 އިން ލޭޓަން އޮރިއެންޓް ބަލިކޮށް މުބާރާތުގެ ފަސްވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އަދި ބޯންމަތް އިން 2-0 އިން އެވަޓަން ބަލިކުރިއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ އުނދަގޫތަކަކަށް ފަހު 3-2 އިން ބާމިންހަމް ސިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ.