ސިޓީ އާއި ޔުނައިޓެޑް އެއްވަރު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެއްޖެ އެވެ.
އޯލްޑް ޓްރެފަޑްގައި ހަތްދިހަ ތިންހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ މެންޗެސްޓަރ ސިޓީ އެވެ. އަދި އެ ޓީމުން ވަނީ ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ފަސް ހަމަލައެއް ފޮނުވާލާފަ އެވެ.
މި މެޗުގައި ލަނޑު ޖަހަން އެންމެ ރަގަޅު ފުރުސަތެއް ލިބިފައިވަނީ މިދިޔަ ޖެނުއަރީ މަހު މެންޗެސްޓަރ ސިޓީ އާއި ގުޅުނު މިސްރުގެ ފޯވަޑް އުމަރު މަރްމޫޝް އެވެ. އޭނާ އަށް ލިބުނު ދެ ފުރުސަތުވެސް ޔުނައިޓެޑްގެ ގޯލުކީޕަރ އޮނާނާ ވަނީ މަތަކޮށްފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ޖޯޝުއާ ޒިރްކްޒީ އަށް މެޗުގެ ދެވަނަ ހާފުގައި ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން ވަނީ ދިފާއުކޮށްފަ އެވެ. މީގެ އިތުރުންވެސް ލަނޑު ޖަހަން ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި އެ ޓީމަށް ވަނީ ހިފޭ ގޮތް ނުވެފަ އެވެ.
މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވާ ސިޓީގެ މިޑްފީލްޑަރ ކެވިން ޑެބްރޫނިއާ ވަނީ މި ސީޒަނަށްފަހު އެ ޓީމު ދޫކޮށްލާނެކަމަށް ބުނެފަ އެވެ. މިއީ އޭނާ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު 22 ވަނަ މެޗެވެ.
މި މެޗުން ދެ ޓީމު އެއްވަރުވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން ސިޓީ އަށް ލިބިފައިވާ 52 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނަ މަގާމުގަ އެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވާ 38 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.