ޔުނައިޓެޑް ބަލިކޮށް ނިއުކާސަލް އިން ކުރިއަށް ޖެހިލައިފި
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ވާދަކުރި މެޗު 4-1ގެ ނަތީޖާ އަކުން ނިއުކާސަލުން ކާމިޔާބުކޮށްފިއެވެ.
މެޗުގެ 24 ވަނަ މިނެޓުގައި ސަންޑްރޯ ޓޮނާލީ ކާމިޔާބު ކުރި ގޯލާއެކު ނިއުކާސަލުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.
ނިއުކާސަލުން ގޯލެއް ޖަހާ މެޗުގެ ލީޑު ނަގާފައިވަނިކޮށް މެޗުގެ 37 ވަނަ މިނެޓުގައި ޑިއެގޯ ޑެލޮޓް ތަނަވަސްކޮށްދިން ފުރުސަތަކުން ޔުނައިޓެޑުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-1ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ގިނައިރުތަކެއް ނުވަނީސް ނިއުކާސަލުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފައެވެ. މި ގޯލު ނިއުކާސަލަށް ނަގައިދީފައިވަނީ ހާވީ ބާނެސްއެވެ.
މީގެ އިތުރުން މެޗުގެ 64 ވަނަ މިނެޓުގައި ބާނެސް ވަނީ އިތުރު ގޯލެއް ނިއުކާސަލަށް ކާމިޔާބުކޮށްދީ މެޗުގެ ފަރަގު ބޮޑުކޮށްފައެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ކީޕަރު ކުރިއަށް ފޮނުވާލަން ޖެހި ބޯޅައެއް ހޯދާ ޖޮއެލިންޓަން ދިން ޕާހަކުން ބުރޫނޯ ގޫމަރޭސް ވަނީ ހަތަރު ވަނަ ގޯލު ނިއުކާސަލަށް ކާމިޔާބުކޮށްދީފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ 4-1ގެ ނަތީޖާ އަކުން ނިއުކާސަލް ކުރި ހޯދައިގެންނެވެ.
މި ނަތީޖާ އާއެކު މިހާތަނަށް ކުޅުނު 31 މެޗުން ހޯދި 56 ޕޮއިންޓާއެކު ނިއުކާސަލް ވަނީ ޓޭބަލްގެ ހަތަރު ވަނައަށް ޖެހިލާފައެވެ. އަދި ޔުނައިޓެޑުން މިހާތަނަށް ކުޅުނު 32 މެޗުން އެ ޓީމަށް ހޯދިފައިވަނީ 38 ޕޮއިންޓެވެ. ޔުނައިޓެޑް އޮތީ ޓޭބަލްގެ 14 ވަނައިގައެވެ.