ދެމަހުގެ ކަރަންޓު ބިލްގެ އަދަދު އެއްވަރުވީ ދެ ބިލަށްވެސް ޑިސްކައުންޓް ދިނުމުން: ސްޓެލްކޯ
މިދިޔަ މާރިޗު މަހުގެ ކަރަންޓު ބިލާއި އޭޕްރިލް މަހުގެ ބިލްތަކުގައި ބިލްގެ އަދަދު އެއްވަރު ވެފައި ވަނީ އޭޕްރިލް މަހަށް ވެސް ޑިސްކައުންޓު ދީފައިވާތީ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ އޭޕްރިލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓެއް ދިނީ އޭޕްރީލް މަހަކީ ހޫނުގަދަ މަހަކަށް ވެފައި އާންމުކޮށް އެ މަހުގެ ކަރަންޓު ބިލް ބޮޑުވާތީ ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
އެހެންކަމުން އޭޕްރީލް މަހުގެ ކަރަންޓުބިލު ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ "ކަރަންޓު ބޭނުންކުރެވުނު ވަރު" އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ބިލް އަމައުންޓު (ފައިސާގެ އަދަދު) މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ އެ ލުއިތައް ދިނުމުން ކަމަށްވެސް އެ ކުންފުނިން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ސްޓެލްކޯއިން ބުނީ އަލަށް ކަރަންޓު ބޭނުން ކުރަން ފެށި ކަސްޓަމަރުންނަށާއި ނުވަ މަސް ދުވަހުގެ ބިލް ހިސްޓްރީ ނެތް ކަސްޓަމަރުންނަށް ވެސް ބިލްތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދީފައިވާ ކަމަށެވެ.