12 މޭ 2025

Advertisement

ސައުތެމްޓަން އިން ސިޓީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ސައުތެމްޓަން ކުޅުނު މެޗު ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެއްޖެ އެވެ.

ޕްރިމިއާ ލީގުގެ ފުލުގައި އޮވެ ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެފައިވާ ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވުމާއިއެކު އެ ޓީމަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. މި މެޗަށް ނިކުތްއިރު އެ ޓީމަށް ލިބިފައިވާ 11 ޕޮއިންޓަކީ ޕްރިމިއާ ލީގުގެ ތާރީޚުގައިވެސް ޓީމަށް ލީގުގައި ހޯދިފައިވާ އެންމެ ދަށް އަދަދުގެ ޕޮއިންޓެވެ.

މި މެޗު އެއްވަރުވެފައިވާއިރު ސިޓީ އަށް 36 މެޗުން ލިބިފައިވާ 65 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. މި މެޗު ކާމިޔާބުކޮށްގެން ދެވަނައިގައި އޮތް އާސެނަލް އާއި ޕޮއިންޓުގެ ގޮތުން އެއްވަރު ކުރެވުން އެ ޓީމަށް ފުރުސަތު އޮތް ނަމަވެސް މި ނަތީޖާ އާއިއެކު ގަދަ ފަހެއްގެ ވާދަވެރިކަން ވަނީ އިތުރަށް ބޮޑުވެފަ އެވެ.

Advertisement

މެންޗެސްޓަރ ސިޓީ އިން މި މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ފޯވަޑް އާލިން ހާލަންޑް ވަނީ މި މެޗުގައި ކުޅެފަ އެވެ. ނަމަވެސް ޑިފެންސަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކުޅެފައިވާ ސައުތެމްޓަންގެ ގޯލަށް ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފަ އެވެ.

މި މެޗުގައި ސިޓީ އަށް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާ މުޅި މެޗުގައި އެ ޓީމުން ވަނީ ޖުމްލަ 25 ހަމަލާ އުފައްދާފަ އެވެ. އެގޮތުން މެންޗެސްޓަރ ސިޓީގެ މެނުއެލް އަކަންޖީ އާއި ބާނާޑޯ ސިލްވާގެ އިތުރުން ރުބެން ޑިއާސް އަދި އުމަރު މަރްމޫޝްގެ ނުރައްކާތެރި ހަމަލަތައް ފާހަގަކޮށްލެވެ އެވެ.

ސައުތެމްޓަން ވަނީ މިދިޔަ އެޕްރިލް މަހު ޕްރިމިއާ ލީގުން ރެލިގޭޓް ވެފަ އެވެ. އަދި އެއާއިއެކު އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި އިވާން ޖުރިޗް ވަނީ މަގާމުން ވަކިކޮށްފަ އެވެ. ޖުރިޗް އަކީ މި ސީޒަނުގައި އެ ޓީމާއި ހަވާލުވި ދެވަނަ ކޯޗެވެ.

ސައުތެމްޓަންގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވެގެން ހުރި ސައިމަން ރަސްކު ބުނެފައިވަނީ އެ ޓީމުގެ ވިސްނުމަކީ މި ސީޒަނުގެ ބާކީ އޮތް މެޗުތަކުން ރަގަޅު ނަތީޖާތަކެއް ހޯދުން ކަމަށާއި ސިޓީ އަތުން ލިބުނު ޕޮއިންޓަކީ މުހިންމު ޕޮއިންޓެއް ކަމަށެވެ.  

Advertisement

ކޮމެންޓް