މޯލްޑިވްސް އެކްސްޕޯގެ އެއްވަނަ ކުންފުންޏަކަށް ސްޓެލްކޯ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން އެއްވަނަ ސްޓެލްކޯއަށް ލިބިއްޖެ އެވެ.
އުފެއްދުންތެރިކަމުގެ މަޢުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާއިރު، މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން އެއްވަނަ ސްޓެލްކޯ އަށް ލިބުނުއިރު، އިނާމާއި ހަވާލުވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ.
ސްޓެލްކޯ އިން އެއްވަނަ ހޯދީ "ރީޖަނަލް ސްކާޑާ" ސިސްޓަމް މި މައުރަޒުގައި ބައިވެރިކޮށްގެންނެވެ. މިއީ ސްޓެލްކޯ އިން ހިދުމަތްދޭ ރަށްތަކުގެ ކަރަންޓު އުފެއްދުމުގެ ކަންތައްތައް މޮނިޓާ ކުރުމަށް ތަރައްގީކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ކަރަންޓު ކެނޑޭ މިންވަރު މަދުކޮށް، އަދި ކުރިމަގުގައި ބޭނުންވާނެ ކަރަންޓުގެ މިންވަރު އިތުރަށް ސީދާކޮށް ލަފާކުރެވޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
އުފެއްދުންތެރިކަމުގެ މަޢުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށެވެ. މި މަޢުރަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގަ އެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.