މެއި މަހުގެ ބިލްވެސް އާ ޓެރިފް ރޭޓްގައި
އަލަށް ކަނޑައެޅި ޓެރިފް ރޭޓުގައި މެއި މަހުގެ ކަރަންޓް ބިލު ވެސް ހަދާނެކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ގޭބީސީތަކުގެ ކަރަންޓު ބިލުގެ ޓެރިފް ރޭޓް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން ބިލުގެ ޓެރިފް ރޭޓުތަކަށް ވަނީ ބަދަލުގެނެސްފައެވެ. ސްޓެލްކޯގެ އިތުރުން ފެނަކައިން ވެސް ވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓުގައި މެއި މަހުގެ ކަރަންޓުގެ ޚިދުމަތަށް ބިލުކުރާނެ ކަމަށް ބުނެފައެވެ.
ކަރަންޓު ޓެރިފް ރޭޓުތަކަށް އަންނަ ބަދަލުތައް:
• ބޭންޑް 0-100: 1.50 ރުފިޔާއިން 1.25 ރުފިޔާއަށް
• ބޭންޑް 101-200: 1.70 ރުފިޔާއިން 1.50 ރުފިޔާއަށް
• ބޭންޑް 201-300: 2.15 ރުފިޔާއިން 1.50 ރުފިޔާއަށް
• ބޭންޑް 301-400: 2.50 ރުފިޔާއިން 1.50 ރުފިޔާއަށް
• ބޭންޑް 401-500: 2.95 ރުފިޔާއިން 2.66 ރުފިޔާއަށް
• ބޭންޑް 501-600: 3.55 ރުފިޔާއިން 3.20 ރުފިޔާއަށް
• 600 އިން މަތީގެ ބޭންޑުތައް: 4.25 ރުފިޔާއިން 3.83 ރުފިޔާއަށް
ރައީސްގެ މި ނިންމެވުމާ ގުޅިގެން، މި އަހަރުގެ މޭ މަހުން ފެށިގެން ކުޑަ ޓެރިފް ރޭޓުގައި ބިލު އަލުން ޖެނެރޭޓުކުރެވިގެންދާނެއެވެ. އެގޮތުން، މިހާރު މޭ މަހުގެ ބިލަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ޖޫން މަހުގެ ބިލުން އެ ބައި އުނިކުރެވިގެންދާނެއެވެ.
ރައީސް ވިދާޅުވީ މިގޮތަށް ނިންމެވީ ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަންވެސް އެ މަނިކުފާނު ވަނީ ދެއްވާފައެވެ.