ޤައުމީ ޓީމުގެ ކޯޗުގެ މަގާމުން ސުޒޭން އިސްތިއުފާދީފި
ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާދީފިއެވެ.
އޭޝިޔަންކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ވަނީ ކޯޗުގެ މަގާމުން އޭނާ ވަކިވާން ނިންމާފަވާކަން އިއުލާން ކޮއްފައެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ މި ނަތީޖާގެ ޒިންމާ ފުރިހަމައަށް އޭނާ ނަގާކަމަށާއި މިއީ ޤައުމީ ޓީމާ އެހެން ކޯޗެއް ހަވާލުވުމުގެ ވަގުތު ކަމަށެވެ. އެހެންކަމުން ގައުމީ ކޯޗުގެ މަގާމާ ދުރަށްދާން އޭނާ ނިންމާފަވާކަމަށެވެ.
އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމިޓީއިން ޤައުމީ ޓީމަށް ކޯޗެއް ހޯދަން އިއުލާން ކުރި ނަމަވެސް ފައިސާގެ ދަތިކަމާ ހުރެ ޓިމޯ ލެސްޓޭ މެޗާ ހަމަޔަށް ސުޒޭން ކޯޗެއްގެ ގޮތިގުގައި ބަހައްޓަން ނޯމެލެޒޭޝަން ކޮމެޓީ ވަނީ ނިންމާފައެވެ.
އެފް.އޭ.އެމުން ސުޒޭން ކޯޗާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވިނަމަވެސް ކޯޗުގެ މަގާމަށް އިތުރު މީހަކު ނެގުމުގެ ބަދަލުގައި ސުޒޭން އާއި އެކު ކުރިއަށްދާން ނިންމީ މިއަހަރު ބާއްވަން އޮތް ސާފް ޗެމްޕިއަންޝިޕް މިއަހަރުގެ ތެރޭގައި ނުބޭއްވޭނެކަން ޔަގީންވި ހިސާބުންނެވެ.