ކ. މާފުށީ ބޭރުގައި އޮތް ސަފާރީއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މާފުށި ޕޮލިސް ސްޓޭޝަންގެ އިތުރުން ކަސްޓަމްސްގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ 21 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 53 އަހަރުގެ ބިދޭސީ ފިރިހެނެެއް ކަމަށެވެ.
އެ އޮޕަރޭޝަނުގައި އެ ސަފާރީ ބަލައިފާސްކޮށް، 237 ފުޅި ބަނގުރަލާއި 309 ބިޔަރު ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 21 އަހަރުގެ މީހާ އަށް 7 ދުވަސް، 22 އަހަރުގެ މީހާ އަށް 13 ދުވަސް އަދި 53 އަހަރުގެ މީހާ އަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.