ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑިމޮކްރެޓްސް ޕާޓީ އަށް 30 ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ރޭ ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ހަސަން ވިދާޅުވީ މަޖިލިސް އިންތިހާބުގައި 93 ދާއިރާ އަށް ޑިމޮކްރެޓުން ވާދަކުރާނެ ކަމަށާއި އެ ޕާޓީގައި މިވަގުތު ތިބި މެމްބަރުންގެ އަދަދަށާއި އަދި ޕާޓީއަށް ތާއީދު އިތުރުވަމުންދާ ގޮތަށް ބަލާއިރު މަޖިލިސް އިންތިހާބުގައި 25 ނުވަތަ 30 ގޮނޑި އެ ޕާޓީ އަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ޑިމޮކްރެޓްސްގައި މިވަގުތު ގާތްގަނޑަކަށް 6،000 މެމްބަރުން އެބަތިބި ކަމަށާއި ނަމަވެސް ޕާޓީގައި ތިބޭ މެމްބަރުންގެ އަދަދާއި ޕާޓީން ނެރޭ ކެންޑިޑޭޓުންނަށް ލިބޭ ވޯޓުގެ އަދަދާއި ގުޅުމެއް ނެތް ކަމަށް ހަސަން ވިދާޅުވި އެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި އެ ޕާޓީން 15،000 ވޯޓު ހޯދިއިރު ޕާޓީގައި ތިބީ 3،000 މެމްބަރުންކަން ހަސަން ފާހަގަކުރެއްވި އެވެ.
ހަސަން ވިދާޅުވީ ޑިމޮކްރެޓްސް ޕާޓީ އަށް ރައްޔިތުންގެ އިތުބާރު މިހާރު ލިބިފައިވާ ކަމަށެވެ. އެގޮތުން ޕާޓީ އަށް ސިޔާސީ ގޮތުން އޮތް އިތުބާރު އެންމެ ބޮޑުވެގެންދިޔައީ ރިޔާސީ އިންތިހާބަށްފަހު ކަމަށާއި އަދި މިހާރު އަމަލުކުރަމުންދާ ގޮތުން ވެސް އެ އިތުބާރު ބޮޑުވެފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި އިތުބާރު ބޮޑުކުރުމަށް ޕާޓީން ނިންމާ ނިންމުންތައް ނިންމާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށާއި އެއީ ޕާޓީތައް ހިނގަން ރައްޔިތުން އެންމެ ބޭނުންވާ ގޮތް ކަމަށްވެސް ވިދާޅުވި އެވެ.