ރައިސް ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް ކެންސަލް ވެއްޖެ
ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.
މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އަށެވެ. މި އަޑުއެހުން ކެންސަލްވެފައިވަނީ ދިފާއީ ވަކީލަކު އާއިލީ ޒިންމާއެއް އޮތުމުން އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށްދިނުމަށް އެދިފައިވާތީއެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 29 ނޮވެމްބަރު 2023 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި 2 ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ކްރައިމް ސީން އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންދާ ފަރާތަކާއި، މި މައްސަލައާ ގުޅިގެން ފިޒިކަލް އެގްޒެމިނޭޝަން ރިޕޯޓެއް ތައްޔާރުކޮށްފައިވާ ފަރާތެވެ. އޭނާއަކީ ކުރިން ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތެކެވެ.