ޓީވީ ޕްރޮގްރާމްތަކަށް އެރުމުގެ ހުއްދަ ޔާމީނަށް ނުދިން
ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން ބަންދުގައި ހުންނަވާ މުއްދަތުގައި ހޯދަން އެދުނު އިތުރު ލުއިތަކުގެ ތަފްސީލު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ހާމަކޮށްފި އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީންގެ ފަރާތުން ހޯދުމަށް ހުށަހަޅާފައިވަނީ ދެ ލުޔެއް ކަމަށެވެ. ފުރަތަމަ ލުޔަކީ ޔާމީނާއެކު ކަރެކްޝަންސްއިން ވެފައިވާ އިގުރާރުގައި ޓީވީ ސްޓޭޝަންތަކަށް ގޮސް ޓީވީ ޕްރޮގުރާމުތަކުގައި ބައިވެރިވުން މަނާކޮށްފައި އޮތް އޮތުމަށް ލުޔެއް ދިނުމަށެވެ. އެގޮތުން ޔަމީންގެ ފަރާތުން އެދިފައިވަނީ ގެއަށް ނުވަތަ އޮފީހަށް ނޫސްވެރިޔަކު ގޮސް ކުރާ ސުވާލުތަކަކަށް ޖަވާބު ދިނުން ނުވަތަ ބަސްދީގަތުމެއް ދިނުމުގެ ހުއްދައެއް ދިނުމަށެވެ.
ދެވަނަ ކަމަށް އެދިފައި ވަނީ ޔާމީނާ ބައްދަލު ކުރަން އެދޭ މީހުންނާ އަމިއްލަ ގެއިން ބައްދަލުކުރުމަކީ އެންމެ ފަސޭހަ ގޮތް ކަމަށް ނުވާތީ ބައްދަލުކުރަން އެދޭ މީހުންނާ އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ އޮފީހުގައި ބައްދަލުކުރުމުގެ ހުއްދަ އަށް ކަމަށް ޝަމީމު ވިދާޅުވި އެވެ.
ޝަމީމު ވަނީ ޔާމީނަށް މިހާރު ދީފައިވާ ލުއިތަށް ދިން ގޮތަށް މި ލުއިތަށް ދިނުމަކަށް ވެސް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އެ ލުއިތަށް ދިން ގޮތަށް މި ލުއިތަށް ވެސް ދެވޭނެ ކަމަށް ވިދާޅުވި އެވެ.
ޔާމީނަށް އިތުރު ލުއިތަކެއް ނުދޭން ކަރެކްޝަންސް އިން ނިންމީ ގާނޫނާ ފުށުއަރާތީ ކަމަށް ބުނެ އެވެ.
މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ވެރިކަމުގެ ފުރަތަމަ ދުވަހު މިނިވަން ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައި ކަމަށްވާއިރު އެމަނިކުފާނަށް އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިހާރު ވަނީ ނިމިފަ އެވެ. ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ޔާމީންގެ ބަންދަށް އެންމެފަހުން ލުއިތަކެއް ދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. މި ސަރުކާރުން ޔާމީން މިނިވަން ނުކުރާތީ އާއި އެމަނިކުފާނަށް އިތުރު ލުއިތަކެއް ނުދެއްވާތީ ސަޕޯޓަރުން އެކަމުގެ ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.