ސުއަރޭޒް އިންޓަ މިއާމީއަށް ބަދަލުވެއްޖެ
އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ އިންޓަ މިއާމީއަށް ބަދަލުވެއްޖެއެވެ.
އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ އެންމެ ފަހުން ކުޅުނީ ބްރެޒިލްގެ ގްރެމިއޯއަށެވެ. ނަމަވެސް، އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދާދި ފަހުން އޭނާ ވަނީ ނިންމާފައެވެ. އެއީ ދެ ފަރާތް އެއްބަސްވީ ގޮތެއްގެ މަތިންނެވެ.
އެއަށްފަހު ސުއަރޭޒް މިހާރު ވަނީ، އޭނާގެ ގާތް ރަހުމަތްތެރިޔާ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެމުން އަންނަ އިންޓަ މިއާމީއަށް ސޮއިކޮށްފައެވެ. އެ ކުލަބަށް އޭނާ ގުޅުނީ އެއް ސީޒަނުގެ ނިޔަލަށެވެ. މިއާމީއާއެކު އޭނާ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް، އެއަށްފަހުވެސް ކުލަބުން ބޭނުންވެއްޖެ ހިނދެއްގައި، އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތުވެސް އޮވެއެވެ. ސުއަރޭޒް މިއާމީއަށް ބަދަލުވީ، އިތުރު އެހެން ތިން ކުލަބެއްގެ ހުށަހެޅުން ވެސް އޭނާއަށް ލިބިފައި ވަނިކޮށެވެ. އޭނާ މިއާމީއަށް ގެނައުމަށް އެންމެ ބޮޑަށް ބާރު އެޅީވެސް މެސީއެވެ.
އިންޓަ މިއާމީން މެސީގެ ސޮއި ހޯދުމާއެކު، އެ ޓީމުން ސުއަރޭޒް ގެނައުމަށް މަސައްކަތް ކުރާނެކަމަށް އޭރު ރިޕޯޓުތައް ބުންޏެވެ. މެސީއާއި ސުއަރޭޒްއަކީ، ދެ ކުޅުންތެރިން ސްޕެއިންގެ ބާސެލޯނާއަށް ކުޅުނުއިރު، ގާތް ގުޅުމެއް އުފެދުނު ދެ ކުޅުންތެރިންނެވެ. އޭގެ ފަހުން ދެ ކުޅުންތެރިންވެސް ކުލަބު ބަދަލުކުރި ފަހުންވެސް ގުޅުން ދެމިއޮތެވެ.
ސުއަރޭޒާއެކު މިހާރު މިއާމީގައި ބާސެލޯނާގެ ކުރީގެ ހަތަރު ކުޅުންތެރިން ތިބޭނެއެވެ. އެއީ މެސީއާއި ސުއަރޭޒްގެ އިތުރުން، ސާޖިއޯ ބުސްކެޓްސްއާއި ޖޯޑީ އަލްބާއެވެ.