ބާމިންގހަމްގެ ކޯޗުކަމުން ރޫނީ ވަކިކޮށްފި
އެންމެ 15 މެޗަށްފަހު ބާމިންގ ހަމް ސިޓީގެ ކޯޗުކަމުން ވޭން ރޫނީ ވަކިކޮށްފިއެވެ.
އިނގިރޭސި ދެވަނަ ޑިވިޝަން, ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމްގެ ކޯޗުކަމުން އިނގިރޭސި ގައުމީ ޓީމްގެ ކުރީގެ ފޯވާޑް ރޫނީ ވަކިކުރީ އެންމެ 83 ދުވަހަށް ފަހުއެވެ. 38 އަހަރުގެ ރޫނީ ބާމިންގހަމްގެ ކޯޗު ކަމަށް ހަމަޖެއްސީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އޭރު ބާމިންގހަމް އޮތީ ޓޭބަލްގެ ހަވަނާގައެވެ. އެކަމަކު ރޫނީއާއެކު މިހާރު އެޓީމް އޮތީ 20 ވަނައިގައެވެ. އެންމެ ފަހުން އެޓީމް ވަނީ 3-0 ން ލީޑްސް އަތުން ބަލިވެފައެވެ. ރޫނީގެ އިރުޝާދުގެ ދަށުން ކުޅުނު 15 މެޗުގެ ތެރެއިން ބާމިންގަހމް 9 މެޗުން ބަލިވިއެވެ. އެ 15 މެޗުގެ ތެރެއިން ފުރަތަމަ މޮޅު ހޯދުނީވެސް ހަ ވަނަ މެޗުގައެވެ.
މަގާމުން ވަކިކުރުމުން ރޫނީ ބުނީ ފުޓްބޯޅައަކީ ނަތީޖާއަށް ބިނާވެފައި އޮތް ކަމެއް ކަމަށާއި, އެނިންމުން ގަބޫލުކުރާ ކަމަށެވެ. ރޫނީ ބުނީ އޭނާ ގަސްތުކުރަނީ ދެން ފުޓްބޯޅައިން ބްރޭކެއް ނަގަން ކަމަށެވެ. ރޫނީ ބާމިންގ ހަމްއާ ހަވާލުވީ އެމެރިކާ ލީގުގައި ކޯޗުންގ މަސައްކަތް ކުރުމަށްފަހު އެވެ.