އިތުރު ވަގުތު ޖެހި ގޯލާއެކު ސިޓީ މޮޅުވެއްޖެ
އިނގިރޭސި ޕްރިމިއަރ ލީގުގައި އިތުރު ވަގުތުގައި ޖެހި ގޯލާއެކު ނިއުކާސަލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.
ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗު 2-2 ން އެއްވަރުވާން ދަނިކޮށް, އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި 20 އަހަރުގެ ބޮބް ލަނޑު ޖަހާ ސިޓީ މޮޅުކޮށްދިނީ ކެވިން ޑި ބުރޭނާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ސިޓީންނެވެ. ފުރަތަމަ ހާފްގައި ބާނާޑޯ ސިލްވާ ޖެހި ލަނޑުން ކުރި ހޯދި ނަމަވެސް, ނިއުކާސަލް އިން ދެ ލަނޑު ޖަހާ ލީޑެއް ހޯދިއެވެ. އެއީ އިސާކް އާއި ގޯޑޮންގެ ލަނޑުންނެވެ. ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަނިޔާއަށްފަހު އެނބުރި އައިސް ލީގުގައި ފުރަތަމަ ފަހަރަށް ކުޅުނު ކެވިން ޑި ބުރޭނާ އެވެ. ޑި ބުރޭނާ ކުޅެން ނިކުތީވެސް 69 ވަނަ މިނިޓްގައެވެ. ނަތީޖާ ހަމަހަމަ ކޮށްދިނީ 74 ވަނަ މިނިޓްގައެވެ. މެޗުން މޮޅުކޮށްދިން ލަނޑު ޖެހި އޮސްކާ ބޮބް ކުޅެން ނިކުތީ 84 ވަނަ މިނިޓްގައެވެ. މިއީ ބޮބް ޕްރިމިއަރ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.
މިމޮޅާއެކު ސިޓީ ވަނީ ތާވަލްގެ ދެވަނަ އަށް ޖެހިލާފައެވެ. އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު މިހާރު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ.